ރާއްޖޭގައި ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް އަމަލުކުރި ރިސޯޓެއްގެ މުވައްޒަފަކަށް ދައުވާ ކުރުމަށް ޕްރިސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ މީހާއަކީ މި މަހުގެ 20ވަނަ ދުވަހު ހއ. އަތޮޅުގައި ހުރި ރިސޯޓަކަށް އެ ރިސޯޓުގެ މުވައްޒަފަކު އެރި މައްސަލައެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އޭނާ އަށް ދައުވާކުރަން މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ފަހުން ވަނީ ވަކި ގޮތެއް އަންގެންދެން އެ އެންގުމަށް އަމަލު ކުރުމަށް އަންގާފައެވެ.
އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.