މިނިވަން މީޑިއާއަކީ ޑިމޮކްރަސީއެއްގައި މުހިއްމު ތަނބެއް: އިދިކޮޅު

ޕީޕީއެމް އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން ---

ޑިމޮކްރެޓިކް ނިޒާމެއްގައި މިނިވަން މީޑީއާއަކީ މުހިއްމު ތަނބެއް ކަމަށާއި ނޫސްވެރިންނަށް ފިޔަވަޅު އެޅުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

“ދިޔަރެސް” ނޫހުގައި ޝާއިރުކުރި ދެ ހަބަރެއް ނެގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެ ނޫހަށް އެންގުމުން އެކަން ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަމަކީ ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިކަން ހުއްޓުވާ ނޫސްވެރިންގެ އަނގަ ބަންދުކުރުމަށް ނިންމާފައިވާ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށެެ. އިދިކޮޅުން ބުނީ މިއީ މިނިވަން ނޫސްވެރިކަމާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ހަމައެއާއެކު ކޮވިޑް-19ގެ މިދަނޑިވަޅުގައި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކު ކުރަމުންދާ ނޫސްވެރިންގެ އަގުވައްޓާލާ އެފަރާތްތަކަށް ފުރައްސާރަކުރުމަށް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމާތަކުގައި ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ހިންގަމުންދާ ނާތަހުޒީބު ޢަމަލުތައް ހުއްޓާލުމަށްވެސް މިކޯލިޝަނުން ގޮވާލަމެވެ.

“މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރު ވަނަ ބާރުކަމަށްވެފައި މިނިވަން މީޑިއާއަކީ މި ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ތަނބު ކަމަށް ވީހިނދު، ނޫސްވެރިންނަށް ފިޔަވަޅުއަޅައި އެފަރާތްތަކަށް ބިރުދައްކާ އަނގަބަންދުކުރުމަކީ ކަނޑައެޅިގެން ޑިމޮކްރެސީގެ އަސާސްތަކާއި ޚިލާފުކަމެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިފައިވާ ބާރުގެ ބޭނުންކުރަންޖެހޭނީ އިންސާފުވެރިކަމާއެކު، ހުރިހާ ފަރާތަކަށްވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީގެންނެވެ،” އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އެހެންކަމުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

މި ދަނޑިވަޅުގައި އެއްވެސް ރައްޔިތެއްގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތްތަކަށް ހަބަރު ނުފެތުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގާފައެވެ. އަދި އެފަދަ ކަމެއް މީޑިއާއަކުން ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ދެ އިދާރާއިން ވަނީ އަންގާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.