އެންމެ ފަހުގެ ފަތުރުވެރިޔާއަށް ހަނާ އަޅަމުން ގޮސް ކަރުތާފެނަށް!

އެންމެ ފަހުގެ ފަތުރުވެރިޔާއަށް ހުރަވަޅި މުވައްޒަފުން މޫދަށް އެރިގެން ހަނާ އަޅަނީ--

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެން ފަށާފައިވާ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލާފައި ވަނީ މި މަހުގެ 27ވަނަ ދުވަހުން ފެށިގެންނެވެ. މި ދަނޑިވަޅުގައި ދެން ރާއްޖެއަަކަށް ފަތުރުވެރިންނެއް ނާންނާނެއެވެ. މުޅިންވެސް ދެން އޮތީ ފަތުރުވެރިން ރާއްޖެއިން ދާ ކޮޅެވެ.

މިހާރުވެސް އެތައް ރިސޯޓަކުން އެތައް ފަތުރުވެރިންނެއް ރާއްޖެއިން ފުރައިގެން ގޮސްފިއެވެ. މިއަދު ރިސޯޓުތަކުގައި ވަނީ ފަޅު ކަމެވެ. އެ ފަޅު ކަމަށް ހަމައެކަނި ދިރުން ގެނެސްދޭ އެއްޗަކަށް ވެފައިވަނީ ދޮންވެލި ގަނޑަށް ބީއްސަމުންދާ ރާޅުތަކެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގައިވެސް ނަން މަޝްހޫރު ސިނާއަތެކެވެ. ހައިފުޅެއް ވެސް ނުވާ ރިސޯޓުތަކުން މިއަދު ވަނީ ކުއްލި ފަޅުކަމެއް ގެނުވާފައެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓެއް ގާތްގަނޑަކަށް ބަންދު ވެއްޖެއެވެ. އަދި ކޮވިޑް19 އަށް ސަރުކާރުން އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޝެޑިއުލް ފްލައިޓް ޖެއްސުން ކުރިންވެސް ދެންނެވި ގޮތަށް ވަނީ ހުއްޓާލާފައެވެ. ބައެއް ރިސޯޓުތަކުން އެންމެ ފަހުގެ ފަތުރުވެރިޔާ ފުރައިގެން ދާތީ ރިސޯޓުތަކުގެ މުވައްޒަފުން އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ.

އެގޮތުން ހުރަވަޅި ރިސޯޓުގެ މުވައްޒަފުން މިވަނީ އެންމެ ފަހުގެ ފަތުރުވެރިޔާއަށް އަލްވަދާއު ކިޔުމުގެ ގޮތުން ހަނާ އަޅަމުން އަޅަމުން ގޮސް ކަރުތަނާ ފެނަށް އެރިފައެވެ. މިއީ އެ ރިސޯޓުން ފުރައިގެން ދިޔަ އެންމެ ފަހުގެ ފަތުރުވެރިޔާއަށް އެ ރިސޯޓުގެ މުވައްޒަފުން ދިން ހަދިޔާއެކެވެ.

މިދިޔަ ބުދަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮންމެ ރިސޯޓެއްގައި ވެސް މިވަގުތު ތިބި މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެ ރިސޯޓުގައި ހުންނަ އެންމެ ފަހުގެ ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރިސޯޓުތަކުން އަރައި ފޭބުން ވަނީ ކޮންޓްރޯލްކޮށްފައެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ދާދިފަހުން ވަނީ އެކަމަށް ވަކި ގޮތެއް އަންގަންދެން ރިސޯޓުތަކުން އަރައި ފޭބުން ކޮންޓްރޯލް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.