ސޯބެގެ ބަހުގެ ހަމަލާތަކެއް އެޗްޕީއޭއަށް، ވިދާޅުވީ އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުވުމަށް!

އައްޑު ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) -- ފޮޓޯ / ސަން

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އައްޑޫ ސިޓީން ތިން މީހަކު އެކަހެރި ކުރި މައްސަލާގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ ބަހުގެ ހޫނު ހަމަލާތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަމާޒު ކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީން އެކަހެރިކޮށްފައި ވަނީ އިންޑިއާ އިން ރާއްޖެ އައި މީހަކު ބެލި ޑޮކްޓަރަކާއި ދެ ނަރުހުންނެވެ. އެމީހާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންނެވެ. އަދި އޭނާ ރޯގާގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގޮސްފައިވަނީ ރޭ ފަތިހުއެވެ.

އެގޮތުން ޑޮކްޓަރުން އެމީހާ ބަލަމުންދަނިކޮށް އޭނާ ވަނީ އޭނާ އަކީ އިންޑިއާ އިން އައި މީހެއް ކަމަށް ބުނެފައެވެ. އެއާއެކު އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން ހިތަދޫ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމެއްގައި އަމިއްލަ އަށް އެކަހެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާ އަކީ މި ބަލީގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ގައުމެކެވެ. އަދި ރޯގާގެ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށް ދައްކަންދިޔަ މީހާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގައެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާގެ ކޮޗިން އިން ރާއްޖެ އަށް އައި މީހަކު، ބަލިވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އެމީހާގެ ގައިގައި ބަލީގެ އަލާމާތްތަކެއް ފެންނަން ހުރި ކަމަށާއި. އެހެން ކަމުން، އެމީހާއާ ފުރަތަމަ އެޓެންޑްވި ދެ ނަރުހުންނާއި ޑޮކްޓަރުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށާއި އަދި ކޮޗިން އިން އައި އެމީހާގެ ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް މަބްރޫކްގެ އެ ވާހަކަތައް ދޮގު ކުރައްވާ ސޯބެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުން އައިސްގެން އައްޑޫ ހޮސްޕިޓަލަށް ދެއްކި މީހާގެ ސާމްޕަލް އަދި ނަގާފައިނުވާ ކަމަށާއި އެމީހާ އާއި އަދި އެމީހާ ބެލި ޑޮކްޓަރާއި ދެ ނަރުހުން ވެސް މިހާރު ތިބީ ގޭގައި ކަމަށެވެ. އަދި މިކަމުގައި އެޗްޕީއޭ އިން ވެސް ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށާއި މިހާލަތަށް ދިޔުމުން ޝައްކު ކުރެވޭ އެންމެން ކަރަންޓީނުކޮށް ޓެސްޓު ހެދުމަށް ސޯބެ ވަނީ ގޮވާލާފައެވެ.

ސޯބެ ވިދާޅުވީ މި މައްސަލައާ ގުޅިގެން އައްޑޫ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށެވެ. އަދި އެޗްޕީއޭ އިން ރައްޔިތުންނަށް މިކަމުގައި ޔަގީންކަން ހޯދައިދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ވެސް ސޯބެ ވަނީ ގޮވާލާފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ބާކީ ތިބި ދެ މީހުންނަކީ ދިވެހިންނެވެ. އެ މީހުންގެ ތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.