ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ރާއްޖޭގައި ބާއްވާނެ ފަދަ ހާލަތެއް ނެތުމުން އެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ބާއްވާ ގޮތަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް މިމަހުގެ 12ވަނަ ދުވަހު އިލެކްޝަނުން ނިންމީ އަންނަ މަހުގެ 18ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށެވެ. ފަހުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސް ކުރުމަށް އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ނިންމިއެވެ. ފަހުން އެ މައްސަލަ ހައިކޯޓުން ނަގާ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނެގިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ނަގާފައި ވަނީ މި މައްސަލައަށް އަވަސް ޙައްލެ ރައްޔިތުންގެ މަޖިލީހުން ގެނެސްދޭނެ ކަމަށް މަޖިލީހުން ބުނުމުންނެވެ.
“ހަތާވީސް އޮންލައިން” އަށް އެނގިފައިވާ ގޮތުގައި ކައުންސިލް އިންތިހާބު ފަސްކޮށް އެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު ބޭއްވުމަށް ހާއްސަ ގާނޫނެއް އަންނަނީ އެކުލަވާލަމުންނެވެ. މި ގާނޫނުގެ ޑްރާފްޓު އެކުލަވާލުމަށްފަހު އަންނަ ހަފްތާގައި މަޖިލީހަށް ހުށަހެޅުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި ގާނޫނު އެކުލަވާލުމުގެ މައިގަނޑު ސަބަބަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި މިހާރު ބަޔާންކޮށްފައިވާ މުއްދަތުގައި އިންތިހާބު މިއަހަރު ބޭއްވިފައި ނުވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމެވެ. އަލަށް އެކުލަވާލާ ގާނޫނު ކައުންސިލް އިންތިހާބު ނިމުމުން އުވިގެން ދާނެއެވެ.
މިކަމަށް ހާއްސަ ގާނޫނެއް އެކުލަވާލަމުން އަންނައިރު ކައުންސިލް އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހު ނުބޭއްވޭނެ ކަމަށާ އެހެން ކަމުން އެކަމަށް ހައްލެއް ހޯދަން މަޖިލީހުން އެދިފައިވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ޑްރާފްޓްކޮށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ބުނެފައެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު 18 ވަނަ ދުވަހަށް ފަސްކުރީ އެއީ ކޮމިޝަނަށް އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހު ތާރީހަށްވުމުންނެވެ.
އެ ތާރީހަށް ވެސް އިންތިހާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން ނެތުމުން، އިންތިހާބު ފަސް ކޮށްދޭން އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު އެ މައްސާލާގައި ބޮޑެތި ދުސްތޫރީ މައްސަލަތަކެއް ވެސް ހިމެނޭތީ، ހައި ކޯޓުން ވެސް މައްސަލަ ނަގައި ފަހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.
ނަމަވެސް އެ މައްސަލަ އަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ގިނަ މެންބަރުންނަށް ފެނިވަޑައިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށައެޅީ އެވެ. އެކަމާ ގުޅިގެން މަޖިލީހުން އަދި ގޮތްތަކެއް ނުނިންމައެވެ.