އަލާމާތްތަކެއް ފެނުނު ތިން މީހަކު އައްޑޫ ސިޓީން އެކަހެރިކޮށްފި

އައްޑުސިޓި ހަންކެޑެ ބްރިޖް ސަރަހައްދު/ ފޮޓޯ- ހޮޓެލިއާ މޯލްޑިވްސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ތިން މީހަކު އައްޑޫ ސިޓީން އެކަހެރިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީން އެކަހެރިކޮށްފައި ވަނީ އިންޑިއާ އިން ރާއްޖެ އައި މީހަކު ބެލި ޑޮކްޓަރަކާއި ދެ ނަރުހުންނެވެ. އެމީހާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންނެވެ. އަދި އޭނާ ރޯގާގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގޮސްފައިވަނީ ރޭ ފަތިހުއެވެ.

އެގޮތުން ޑޮކްޓަރުން އެމީހާ ބަލަމުންދަނިކޮށް އޭނާ ވަނީ އޭނާ އަކީ އިންޑިއާ އިން އައި މީހެއް ކަމަށް ބުނެފައެވެ. އެއާއެކު އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން ހިތަދޫ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމެއްގައި އަމިއްލަ އަށް އެކަހެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާ އަކީ މި ބަލީގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ގައުމެކެވެ.

އަދި ރޯގާގެ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށް ދައްކަންދިޔަ މީހާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ބާކީ ތިބި ދެ މީހުންނަކީ ދިވެހިންނެވެ. އެ މީހުންގެ ތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.