މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ފަށައިފި

މޯލްޑިވިއަންގެ ފްލައިޓެއް/ ފޯޓޯ- ޓުވީޓާ

ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް، މުދާގެނައުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނީ ސްރީލަންކާގެ ކޮލޮމްބޯއަށް އެ އެއާލައިންގެ ކާގޯ ދަތުރުތައް ކޮންމެ އާދީއްތަ ދުވަހެއްގައި ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މީގެކުރިން ވިދާޅުވީ އެ ދަތުރުތައް ފެށުމުގެ ކުރިން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ގިނަ ވިޔަފާރިވެރިން މުދާ ގެންނަ “ކޮމަން” ސަރަހައްދުތައް ބެލުމަށްފަހު އެތަންތަނަށް އޮޕަރޭޓު ކުރުމުގެ ވިސްނަމުންދާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

މޯލްޑިވިއަން ވަނީ ކާގޯ ފްރައިޓާސް އޮޕަރޭޓު ކުރާނީ ފަސް މަންޒިލަކަށެވެ. އެ ފަސް މަންޒިލަކީ ކޮލަމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ތައިލެންޑް އަދި ދުބާއީއެވެ. ނަމަވެސް ރިޒްވީ ވިދާޅުވީ ފަހަރުގައި އެ މަންޒިލްތައް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެ ފްލައިޓުގައި މީހުންނަށް ދަތުރު ކުރެވޭނެތޯ ސުވާލު ކޮށްފައެވެ. ނަމަވެސް މޯލްޑިވިއަން އިން ވަނީ އެ ފްލައިޓުތަކުގައި މީހުންނަށް ދަތުރު ނުކުރެވޭނެ ކަމަށާއި އެއީ ހަމައެކަނި ކާގޯ ފްލައިޓުތަކަށް ހާއްސަ ކޮށްފައިވާ ފްލައިޓުތަކެއް ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *