ކޮވިޑް19 އިން އަރައިގަތުމަށް ކޮންމެ ފުލުހެއްގެ ހަކަތަ އަންނަނީ ބޭނުން ކުރަމުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނި އެކަމުން ރައްޔިތުން ރައްކާތެރި ކުރުމުގެ ގޮތުން ކުރާ މަސައްކަތުގައި ފުލުހުންގެ ހުރިހާ ވަސީލަތަކާއެކު ކޮންމެ ފުލުހެއްގެ ހަކަތަ ބޭނުން ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާންމު ކުރެއްވި ކުރު ވީޑިއޯއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް މަސައްކަތް ކުރަމުން އަންނަ އެއް ބަޔަކީ ފުލުހުންކަމަށެވެ. ފުލުހުންގެ ހުރިހާ ވަސީލަތްތަކާއި ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް ކޯވިޑް-19 އިން އަރައިގަތުމަށް ބޭނުން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"ފުލުހުންގެ މި ބުރަ މަސައްކަތުގައި ފުލުހުންގެ ދައުރު ފުރިހަމައަށް ބަލައިގަނެ ފުލުހުންގެ ޚިދުމަތުގެ އަގު ދިވެހި ސާރުކާރުން ވަޒަންކުރަން،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ދާހިލީ ސަލާމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުލުހުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސްއާއި ފުލުހުންގެ ލީޑާޝިޕުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.