ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން އިތުރުވެއްޖެ: ސީޕީ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު: ފޮޓޯ / ރައީސް އޮފީސް

ނިމިދިޔަ އަހަރަކީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާ ޔަގީންކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި ހިތޯބުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނިމިދިޔަ އަހަރަކީ އިންސާފު ހޯދާދިނުމަށް ކުރެވުނު މަސައްކަތުގައި ކުރިއެރުންތަކެއް ޙާޞިލުކޮށްފައިވާ އަހަރެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރަން ޖެހޭ މައިގަނޑު ސަބަބަކީ ފުލުހުންނަށް، ފުލުހުން މަސައްކަތްކުރަންޖެހޭ މާހައުލު ރައްކާތެރިވެ، ނަތީޖާ ހާސިލު ކުރުމަށް ފަސޭހަވާނެތީއާއި، ރައްޔިތުންނަށް، ފުލުހުންނާ ގުޅުން ބަދަހިވެ، ބައިވެރިވުން އިތުރުވެ، ރައްޔިތުން އެދޭ ގޮތަށް ފުލުހުންގެ ޚިދުމަތްތައް ބައްޓަންކުރަން މަގުފަހިވާތީ ކަަމަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ނިމިދިޔަ އަހަރަކީ އޭގެ ކުރީގެ އަހަރާއި އަޅާ ބަލާއިރު ފުލުހުންނަށް ހުށަހެޅު މައްސަލަތައް އިތުރުވި އަހަރެއް ކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ މައްސަލަތަކެއް ނިންމާ ޕްރޮސެކިއުޓްކުރަން ފޮނުވުނުކަން ކޮމިޝަނަރ ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދު 9.73 އިންސައްތަ އިތުރުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 12 މަސްތެރޭގައި، އޭގެކުރީ 12 މަހަށްވުރެ ހުށަހެޅިފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދު 9.73 އިންސައްތަ ވަނީ އިތުރުވެފައި. ހުށަހެޅުނު މައްސަލަތައް އިތުރުވުމާއެކުވެސް، ޕްރޮސެކިއުޓް ކުރުމަށް ފޮނުވިފައިވާ މައްސަލަތަކުގެ އަދަދު 22.8 އިންސައްތަ އިތުރުކުރެވިފައިވޭ. މިއީ، އިންސާފު ހޯދާދިނުމަށް ކުރެވުނު މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށް އަޅުގަނޑު ދެކެން" ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ އިތުރުން ޓެރަރިޒަމާ އަނިޔާވެރި ހަރުކަށި ފިކުރާދެކޮޅަށް ކުރެވުނު މަސައްކަތުގައިވެސް ކުރިއެރުންތަކެއް ލިބިފައިވާ އަހަރެއްކަމަށެވެ. އަދި އަނިޔާލިބޭ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ދިނުމަށްޓަކައި ވިކްޓިމް ސަޕޯޓް މެކޭނިޒަމް އިތުރަށް ތަރައްގީ ކޮށްފައިވާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.