ފުލުހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އާއްމު ރައްޔިތުން ގޭގައި މަޑުކޮށްލައްވާ: ރައީސް

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ހިތާބު ދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

ފުލުހުންގެ އަހަރީ ދުވަސް ބައްދަލުކުރީ ނުރައްކާތެރި ކޮވިޑް19 ގެ ވައިރަހާއި ގުޅިގެން ފުލުހުން ގައުމީ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށާއި އެހެންކަމުން ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހުރިހާ ރައްޔިތުންވެސް ގޭގައި މަޑު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ދިވެހި ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ކޮވިޑް19 ގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް، ކުރާ ގައުމީ މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ދައުރެއް ކަމަށެވެ. އެކަމުން އެނގިގެން ދަނީ، ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

"މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި، ރިޒޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އެ އަންނަނީ ދިވެހި ފުލުހުން. މިއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް. އެހެން ނަމަވެސް، ފުލުހުން އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެވަޑައިގެން އެ ތިއްބެވީ، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތްކުރާ ބަޔަކުވެސް، ދިވެހި މުޖުތަމައުގައި އެބަތިބި ކަމަށެވެ. އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައިވެސް ފުލުހުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ، އަޅުގަނޑުމެން އެންމެން، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބު ކުރުމަށް ފުރުސަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން، ފުލުހުންގެ ހިދުމަތް ހަރުދަނާވެ، ފުލުހުންގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. ހަމައެފަދައިން، މުޖުތަމައުގައި އާލާވަމުން އަންނަ އާ ބާވަތްތަކުގެ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލެވޭ ފަދަ ގާބިލު މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުވެގެން ދިޔުމަށް މަގުފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ބިލް ޤާނޫނަކަށް ވެގެންދާއިރު، ފުލުހުންގެ މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު
ހޯދައިދިނުމަށް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ،" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ދިވެހި ފުލުހުންނާމެދު ރައްޔިތުން ކުރާ އުންމީދު ވަރަށް ބޮޑު ކަމަށާއި މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަދާކުރަމުން އަންނަނީ، ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ، ހަމަ ކޮންމެ ފުލުހެއްގެ ހީވާގި ގައުމީ ހިދުމަތް ފާހަގަކޮށް، ހުރިހާ ފުލުހުންނަށާއި، ފުލުހުންގެ ހިދުމަތުގެ އެހެނިހެން މުވައްޒަފުންނަށާއި، ފުލުހުންގެ އާއިލާތަކަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.