ތިން ރިސޯޓަކާއި ސަފާރީއަކުން ޓެސްޓު ކުރި މީހުންގެ ނަތީޖާ ނެގެޓިވްވެއްޖެ

ކޮއްދިއްޕަރު ރިސޯޓު --

ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން ސާމްޕަލްތައް ނެގި ތިން ރިސޯޓާއި ސަފާރީގެ ނަތީޖާ ނެގެޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު، ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް، ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓު އަދި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ރިސޯޓުތަކާއި ސަފާރީ މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 16 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

އިއްޔެއާ ހަމައަށް މި ބަލި ޖެހިފައިވަނީ ހުސް ބިދޭސީންނަށެވެ. ނަމަވެސް އިއްޔެ މިވަނީ އަލަށް ދިވެއްސަކަށް މި ބަލި ޖެހިފައެވެ. އެ ބަލި ޖެހުނު މީހުންގެ ތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.