ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ފުރި މައްސަލާގައި ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރެފި

ކުރެއްދޫ ރިސޯޓް ---

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔަ މައްސަލާގައި ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރެއް ނެރެފިއެވެ.

މި ކޯޓު އަމުރުގެ ކޮޕީއެއް "ހަތާވީސް އޮންލައިން" އަށް ވަނީ ލިބިފައެވެ. ކޯޓު އަމުރުގައި މައްސަލައިގެ ތަފްސީލުގައި ބަޔާންކޮށްފައި ވަނީ އެ މައްސަލައަކީ މިދިޔަ ފެބްރުއަރީ މަހުގެ 23ވަނަ ދުވަހުގެ ވަގުތެއްގައި ރާއްޖެ އައިސް ޅ. ކުރެއްދޫ ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވާއިރު އެކަމުގެ މައުލޫމާތު ހިމެނޭ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި އެކަމުގެ ސަބަބުން ކޮވިޑް19 ވައިރަސް ރާއްޖޭގައި ފެތުރި އިތުރު ފަރާތްތަކުގެ ސިއްހަތަށާއި ފުރާނައަށް ނުރައްކާވެ، އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތް ގޮތުން މުއާމަލާތް ކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާ ކުޑަކޮށް އަމަލުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

ކުރެއްދޫގެ ޑޮކްޓަރު ރާއްޖޭގައި މަޑު ކުރުވަން ބޭނުންވާ ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ އެ މައްސަލާގައި ޑޮކްޓަރުގެ މައްޗަށް ތުހުތުތަކެއް ކުރެވޭއިރުގައި، ތަހުގީގު ނުނިމެނީސް އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލާގައި އެ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރެއް ނެރެފައި ވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. އެ އަމުރުގައި ބުނެފައި ވަނީ ޕާސްޕޯޓު ހިފަހައްޓަން ބޭނުންވަނީ އެ ދުވަހުން ފެށިގެން އަންނަ މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އަމުރު ކުރެއްވުމުންނެވެ. އޭނާ ރާއްޖެއިން ފުރިއިރު މިކަންކަމުގެ މައުލޫމާތު ނުލިބި އޮތީ ކީއްވެގެންކަން މިހާރު ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށްވެސް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.

ރާއްޖެއިން 16 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުން ފަސް މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published.