އަނެއްކާވެސް ޓެލިކިލާސް ޕްރޮގްރާމުތައް ކުރިޔަށް ގެންދަން ނިންމައިފި

ސްކޫލްތަކުގެ ދަރިވަރުން/ ފޮޓޯ- އަވަސް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ ހުރިހާ ސްކޫލްތައް ބަންދުކޮށްފައިވުމުން ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައި ދިނުމަށް ފެށި ޓެލިކިލާސް ޕްރޮގްރާމު މެދުކަނޑާލުމަށްފަހު އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ މާދަމާއިން ފެށިގެން ގްރޭޑު 10އެއްގެ ދަރިވަރުންނަށް ޓެލިކިލާސް ޕްރޮގްރާމުތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާ ދިވެއްސާއި ކެމިސްޓްރީ ފިޒިކްސް އަދި އެކައުންޓިން މި ހަތަރު މާއްދާ ދަރިވަރުންނަށް ގެނެސްދޭއިރު މި ހަތަރު މާއްދާގެ ރިޕީޓު ޕްރޮގްރާމުތައް ވެސް މާދަމާ ދައްކާނެއެވެ.

އަލުން ޓެލިކިލާސް ޕްރޮގްރާމް ފެށުމަށް ނިންމާފައިވާއިރު މި މަހުގެ 18ވަނަ ދުވަހު އެޑިއުކޭޝަނުން ނިންމީ ދަރިވަރުންނަށް ނަގަމުން ދިޔަ ޓެލިކިލާސް ޕްރޮގްރާމްތައް ހުއްޓާލުމަށެވެ. އެ ދުވަހު އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ކަމަށާއި އެގޮތުން ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރި ކުރުވުމާއި ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ހިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދެވިދާނެ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމާއެކު ޓެލެކިލާސް ޕްރޮގްރާމުތައް ވަނީ ފަށާފައެވެ. އެ ޕްރޮގްރާމްތައް ފަށާފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން އެއް ހަފްތާއަށް މެދުކަނޑާލާފައިވީ ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.