ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯސްގެ ޓެކްނިކަލް ޓީމްގައި ހިމެނިވަޑައިގެންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. މުއާޒު މޫސާ ވިދާޅުވީ އަދު އިތުރު ދެ މީހަކު ރަނގަޅުވެފައިވާއިރު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އެބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާދެމުން ދަނީ ތިން މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 16 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

އިއްޔެއާ ހަމައަށް މި ބަލި ޖެހިފައިވަނީ ހުސް ބިދޭސީންނަށެވެ. ނަމަވެސް އިއްޔެ މިވަނީ އަލަށް ދިވެއްސަކަށް މި ބަލި ޖެހިފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.