ޔޫކޭގައި ދިރިއުޅޭ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސިވިލާތުގެ މަގެއްގެ މަތި --

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހި ޑޮކްޓަރެއްގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެެ.

އެ ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހި ޑޮކްޓަރު އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އަންހެނުން ރޯގާ ޖެހިފައިވާ ކަމަށާއި އަދި ޑޮކްޓަރަށް ދެއްކުމުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނު ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާގައި އޭނާ އުޅުއްވީ ކޮވިޑް19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ކުރުމުގައި ކަމަށާއި އެހެންކަމުން ގެއަށް އެ ވައިރަސް ގެނައީ އޭނާކަން ޔަގީން ކަމަށެވެ. އަދި މިހާރު ޑޮކްޓަރު ވަނީ އޭނާގެ ގައިންވެސް ވެސް ކޮވިޑް19 ގެ އަލާމާތްތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޓެސްޓު ހެދި ކަމަށް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

މިވަގުތު ޑޮކްޓަރު އުޅެނީ ގޭގައި އެކަހެރިވެގެންނެވެ. ޑޮކްޓަރުގެ ވާހަކައިން އެ ދެމީހުންގެ ދަރިފުޅުގެ ގައިންވެސް ކޮވިޑް19 ގެ އަލާމާތްތަކެއް ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް ދަރިފުޅުގެ ހާލަތު ރަނގަޅު ކަމަށްވެއެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ސާދަ ހާހަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާއިރު 700އަށްވުރެ ގިނަ މީހުން ވަނީ އެބަލީގައި މަރުވެސް ވެފައެވެ. ޔޫކޭގައި ދިިރިއުޅޭ ދިވެއްސަކަށް ކޮވިޑް19 ޖެހިފައިވާއިރު އެގައުމުން ރާއްޖެ އައިސް ކަރަންޓީންގައި ހުރި ދިވެއްސަކަށްވެސް ވަނީ އެބަލި ޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *