ސިއްހީ އާލާތްތައް ހޯދުމަށް މެލޭޝިއާގެ އެހީއަށް ރާއްޖެ އެދިއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވާއިރު، އެ ބައްޔަށް ފަރުވާ ހޯދުމަށް ބޭނުންވާ އެހީއަށް ރާއްޖެއިން މެލޭޝިއާގައި އެދިއްޖެއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝަމުއްދީން ހުސައިންއާއި ފޯނުން ގުޅުއްވާ ވާހަކަ ދައްކަވާފައެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެލޭޝިއާގެ ފޮރިން މިނިސްޓަރާއި ގުޅުއްވައި، އެ ގައުމުގައި ދިރުއުޅޭ ދިވެހިންގެ ހާލު ބަލައި، އަދި އެ ގައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތައް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިނިސްޓަރު ވަނީ މެލޭޝިއާ ސަރުކާރުގެ ފަރާތުން ބޭނުންވާ ބައެއް ސިއްހީ އާލާތްތައް ހޯދުމަށް އެދިފައެވެ. އަދި އެއަށް ޖަވާބު ދެއްވަމުން މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝަމުއްދީން ހުސައިން ވިދާޅުވީ، އެތަކެތި ފޯރުކޮށް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ މެލޭޝިއާގެ ހާރިޖީ ވަޒީރުގެ އިތުރުން އިންޑިއާގެ ހާރިޖީ ވަޒީރަށް ވެސް ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރު ޝާހިދު ވަނީ އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖަޔަ ޝަންކަރު ވަނީ އެ ގައުމު ލޮކްޑައުން އަކަށް ގޮސްފައިވީ ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން ރާއްޖެއަށް ދޭ އެހީތަކަށް ހުއްޓުމެއް ނާންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ބޭސް ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.