އައްޑޫގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދުކުރަން ނިންމި ނިންމުން ބާތިލްކޮށްފި

އައްޑޫސިޓީ/ ފޮޓޯ- އަސޯ

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން، ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ވިޔަފާރިތަކާއި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރޭގަނޑު ބަންދު ކުރުމަށް ނިންމި ނިންމުން އެ ކައުންސިލުން ބާތިލްކޮށްފި އެވެ.

މީގެ ކުރިން އައްޑޫސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ގޮތުން، ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށް ހިދްމަތް ދޭވޭނެހެން ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަދި މިކަމަށް އަމަލު ކުރަން ނިންމާފައިވަނީ މި މަހު 26 ވަނަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން ނެވެ.

ނަމަވެސް އެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެގޮތަށް ވިޔަފާރިތައް ބަންދުކުރަން ނެރުނު އިއުލާން ބާތިލްކޮފައިވާ ކަމަށެވެ. އަދި އެ އިއުލާން ބަތިލް ކުރީ ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އެފަދަ ފިޔަވަޅެއް އަޅާނެފަދަ ހާލަތެއް އޮތްކަމަށް އެޗްޕީއޭއިން ނުދެކޭތީ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުންޏެވެ.

ނަމަވެސް ކައުންސިލުން ބުނީ، ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަށް ރުޖޫއަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އަންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި ހެނދުނު 06:00 އިން 18:00 އާއި ދެމެދު ހިދުމަތް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރައްޔިތުން ދުވާލުގެ ވަގުތު ތަކުގައި ވިޔަފާރިކޮށް ނިންމުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން މިމަހު 15 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކައުންސިލްތަކުން ފިޔަވަޅުތައް އެޅުމަކީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރެއް ކަމަށެވެ. އެހެން ކަމުން އެފަދަ އެއްވެސް ނިންމުމެއް ކައުންސިލްތަކުން އަމިއްލައަށް ނުނިންމުމަށް އެލްޖީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި އައްޑޫ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު މި ނިންމި ނިންމުމަކީ އެޗްޕީއޭއަށް ނޭނގި ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެފައިވަނީ އެ ނިންމުމަކީ، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.