ޔޫއޭއީގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ މައުލޫމާތު އަދިވެސް ނުލިބޭ

ޔުނައިޓެޑް އަރަބް އެމިރޭޓްސް --

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް19 އަށް މި މަހުގެ 24ވަނަ ދުވަހު ޕޮޒިޓިވްވި ދިވެހި މީހާއާ ގުޅޭ މައުލޫމާތު އަދިވެސް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާ ޕޮޒިޓިވްވިކަމަށް ޔޫއޭއީ ސަރުކާރުން ހާމަކުރުމާއެކު އެ މީހާ އާއި ގުޅޭގޮތުން މައުލޫމަތު ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދިވެހި މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ މީހާ ޕޮޒިޓިވްވި ކަމަށް ޔޫއޭއީ ސަރުކާރުން ހާމަކުރުމާއި އެކު އެ މީހާއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީއާ ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 24ވަނަ ދުވަހު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ މީގެކުރިން އެ ގައުމުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި “ކްލޯޒް ކޮންޓެކްޓު” ވެފައިވާ ބައެއް ކަމަށެވެ. އޭގެތެރެއިން ބައެއް އެހެން މީހުންނަކީ ބޭރު ގައުމުތަކުން އެގައުމަށް އައިސްފައި ތިބި މީހުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ މައުލޫމާތުތައް ލިބުނުހާ އަވަހަށް ނޫސްވެރިންނަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

މުޅި ދުނިޔޭގައި ވެސް ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ޔޫއޭއީގައި 333 މީހަކަށް އެ ބަލި ޖެހުނެވެ. މިހާތަނަށް އެގައުމުން މި ބަލީގައި ދެ މީހަކު މަރުވެފައިވާއިރު 52 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. މުޅި ދުނިޔެއިން މިހާތަނަށް މި ބައްޔަށް 575،767 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު 26،407 މީހަކު ވަނީ އެ ބަލީގެ ސަބަބުން މަރުވެފައެވެ. އަދި 129،988 މީހަކު އެ ބަލިން ވަނީ ރަނގަޅުވެސް ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.