ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 16އަށް އަރައިފި: މަބްރޫކް

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަބްރޫކް އަޒީޒް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިއަދު 16 އަށް އަރާފައިވާ ކަމަށެވެ. މީގެކުރިން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. އެ މީހުންނަކީ ހުސް ބިދޭސީންނެވެ.

ނަމަވެސް ރާއްޖެއިން މިއަދު ވަނީ އަލަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ ދެ މީހެއްގެ ގައިން ކޮވިޑް19 ވަނީ ފެނިފައެވެ. އެހެންކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 16 އަށް އެރީ މި ތިން މީހުން ހިމަނައިގެންނެވެ.

ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިނގިރޭސީވިލާތުން ރާއްޖެ އައި 38 އަހަރުގެ ދިވެއްސެއްގެ ގައިން ކަމަށެވެ. އޭނާ ރާއްޖެ އައި ދުވަހުން ފެށިގެން ބަހައްޓާފައި ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަމަށާއި ރާއްޖެ އައި ދުވަހު ކޮވިޑް-19ގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ނުފެންނަ ކަމަށާއި ނަމަވެސް މިދިޔަ ބުދަ ދުވަހު ހެދި ޓެސްޓުތަކުގެ ނަތީޖާ މިއަދު ލިބުނުއިރު، އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީން ވިދާޅުވީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ރާއްޖެއިން ފުރައިގެންދާ މީހުންގެ ތެރެއިން އެ ބަލި ޖެހިދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ މީހުންގެ ގައިން ސާޕަލް ނަގަމުންދާ ކަމަށެވެ. އެގޮތުން އިޓަލީއަށް ފުރި ދެ މީހެއްގެ ގައިން ނެގި ސާޕަލްތައް ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރުވާ މީހުންގެ ހައި ރިސްކު މީހުންގެ ވެސް ސާޕަލް ނަގަން. އަޅުގަނޑުމެންގެ ބޭނުމަށް ސާންޕަލް ނަގަން. އެގޮތުން ނެގި ސާޕަލްގެ ތެރެއިން ދެ މީހެއްގެ ސާޕަލް ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައި. އެ ދެ މީހުން ދަތުރު ކުރަމުންދަނީ އިޓަލީއަށް" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން 16 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އެ ބަލިން 8 މީހަކު ރަނގަޅުވެފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ. ނަމަވެސް އެމީހުންވެސް ދޫކޮށްލާނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.