މައިމޫނާގެ އިލްތިމާސް: ކިރިޔާވެސް އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ރިޕޯޓު ކުރައްވާ

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު: ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް އަވަހަށް ރިޕޯޓު ކުރެއްވުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށެވެ. އެކަން ތަފްސީލް ކޮށްދެއްވާ މައިމޫނާ ވިދާޅުވީ ދިވެއްސެއްގެ ގައިން ކޮވިޑް19 ފެނިފައިވުމަކީ އެކަމުން ރައްކާތެރިވުމަށް ކުރާ މަސައްކަތްވެސް އިތުރު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ކަރަންޓީން ކުރުމުގެ މުހިއްމު ކަންވެސް މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ގޭގައިވެސް ބައެއް ފަރާތްތަކުން ކަރަންޓީން ކުރަމުން އެބަދޭ. އަޅުގަނޑު ހަމަ އިލްތިމާސްކުރަން ގޭގައި ކަރަންޓީން ކުރައްވާ ފަރާތްތަކުން ވެސް އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ރިޕޯޓު ކުރަން،" މައިމޫނާ ވިދާޅުވިއެވެ.

މައިމޫނާ ވިދާޅުވީ މި ދަނޑިވަޅުގައި ދެމުން ގެންދާ އިރުޝާދުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން މި ދުވަސްވަރު ގޭގައި މަޑު ކުރުމަށާއި ބޭރަށް ނުނިކުތުމަށް މައިމޫނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ރޭ 12:00 އިން ފެށިގެން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ކެންސަލް ކޮށްފައެވެ. އަދި މި މަހުގެ 12ވަނަ ދުވަހުން ފެށިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު މި ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އެއްރަށުން އަނެއް ރަށަށް މީހުން ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ. މީގެއިތުރުން މާލެ ސަރަހައްދުގެ ކެފޭ ހޮޓާ އަދި ރެސްޓޯރެންޓުތައް ބަންދު ކުރުމަށް އަންގާފައިވާއިރު ސްކޫލު ކޮލެޖު އަދި ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ރާއްޖެއިން މިއަދު ވަނީ އަލަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިނގިރޭސީވިލާތުން ރާއްޖެ އައި 38 އަހަރުގެ ދިވެއްސެއްގެ ގައިންނެވެ. އޭނާ ރާއްޖެ އައި ދުވަހުން ފެށިގެން ބަހައްޓާފައި ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަމަށާއި ރާއްޖެ އައި ދުވަހު ކޮވިޑް-19ގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ނުފެންނަ ކަމަށާއި ނަމަވެސް މިދިޔަ ބުދަ ދުވަހު ހެދި ޓެސްޓުތަކުގެ ނަތީޖާ މިއަދު ލިބުނުއިރު، އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިއަދު ވިދާޅުވެފައެވެ.

ކަރަންޓީނު ކުރުމަށްޓަކާ ހޮލިޑޭ އައިލެންޑް ރިސޯޓަށް އޭނާ ގެންދިއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައިރު، އެއްވެސް މީހަކާ ކޮންޓެކްޓުވެފައި ހުރިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.