އެކި ދުވަސް މަތިން އަލިދޫ ރިސޯޓަށް އަރާ ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފި

އަލިދޫއިން ވައްކަންކުރި މީހުން ނެގި ސާމާނުތައް --

އެކި ދުވަސް މަތިން ހއ. އަތޮޅުގައި އޮންނަ އަލިދޫ ރިސޯޓުން ވައްކަން ކުރި ބަޔަކު ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އަލިދޫ ރިސޯޓަކަށް އެކި ދުވަސްމަތިން އަރާ އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގަފައިވާ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތައް އިއްޔެ ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ޖުމްލަ 9 ގެ ބަލާފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 35 އަހަރާއި، 34 އަހަރާއި، 33 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް  10 ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.