ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެއްސަކަށް ކޮވިޑް19 ޖެހިއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ފުރަތަމަ ފަހަރަށް ދިވެއްސަކު ރާއްޖޭގައި ކޮރޯނާވައިރަސް، ކޮވިޑް -19 އަށް ޕޮޒިޓިވްވެފައިވާކަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިނގިރޭސީވިލާތުން ރާއްޖެ އައި 38 އަހަރުގެ ދިވެއްސެއްގެ ގައިން ކަމަށެވެ. އޭނާ ރާއްޖެ އައި ދުވަހުން ފެށިގެން ބަހައްޓާފައި ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަމަށާއި ރާއްޖެ އައި ދުވަހު ކޮވިޑް-19ގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ނުފެންނަ ކަމަށާއި ނަމަވެސް މިދިޔަ ބުދަ ދުވަހު ހެދި ޓެސްޓުތަކުގެ ނަތީޖާ މިއަދު ލިބުނުއިރު، އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިސްޓުން ފިޔަވައި، ރާއްޖެ އަންނަ އެންމެން ދެ ހަފްތާގެ މުއްދަތަށް ކަރަންޓީން ކުރަން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

ކަރަންޓީނު ކުރުމަށްޓަކާ ހޮލިޑޭ އައިލެންޑް ރިސޯޓަށް އޭނާ ގެންދިއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައިރު، އެއްވެސް މީހަކާ ކޮންޓެކްޓުވެފައި ހުރިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

ކޮވިޑް-19އަށް ދިވެއްސަކު ޕޮޒިޓިވްވުމާ އެކު، އެ ބަލި ރާއްޖޭގައި ޖެހުނު މީހުންގެ އަދަދު 14އަށް ވަނީ އަރާފައެވެ. އަދި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 9އަށް އަރައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.