ރިސޯޓުން ފޭބުމަށް މެޑިކަލް ލީވް ނުދީފި ނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެފި

ސިނަމަން ވެލިފުށި ރިސޯޓު --

ރިސޯޓުން ފޭބުމަށް މެޑިކަލް ލިޔުން ނުދީފި ނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް އިއްޔެގެ ވަގުތެއްގައި ވ. ސިނަމަން ވެލިފުށި ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުން ފޭބުމަށްޓަކައި މެޑިކަލް ލިޔުން ނުދީފި ނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނުމުން އެމީހާއަށް ކަމެއް ދިމާވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ މުއްދަތު މި މަހުގެ 28ގެ ނިޔަލަށް ހަމަވާނެތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ވަކި ގޮތެއް އަންގަންދެން ރިސޯޓުތަކުން ރަށްތަކަށް ދަތުރު ކުރުން މަނާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *