އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެސްއެމްއީ ލޯނަށް ހުށަހެޅޭނެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ / ހަތާވީސް އޮންލައިން

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނުތަކަށް އެދި ހުށަހެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުގެ ސަބަބުން ހީނަރުކަން ލިބިފައިވަނީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަކަށް ނޫނެވެ. އެކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލައަށް މަސައްކަތް ކުރަމުން އަންނަ އެތައް ފަރާތްތަކަކަށް މިކަމުގެ ގެއްލުން ވަނީ ކުރިމަތިވެފައެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެސްޑީއެފްސީން ދޫކުރާ އެސްއެމްއީ ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ހާލަތު ރިޕޯޓު ކުރެވޭ ގޮތަށް ޖޮބް ސެންޓާ ޕޯޓަލް މޮޑިފައި ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެސްޑީއެފްސީން މަސައްކަތް ކުރާނީ ލޯނުގެ އިންޓްރެސްޓުން ފައިދާ ހޯދުމުގެ ބަދަލުގައި ވީހާ ވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

މި މަހުގެ 19ވަނަ ދުވަހު ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ނިންމާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ޕެކޭޖަކީ މިވަގުތު ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ފިލުވާލުމަށް ސަރުކާރުން ދޭ އެހީއެއް ކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ ޕެކޭޖެއް ކަމަށާއި މި ފައިސާ ދޫކުރާނީ ހަމަސް ދުވަހު ގްރޭސް ޕީރިއަޑެއް ދީފައިވާނެ ކަމަށެވެ. އަދި އެ ޕެކޭޖުގައި ހަ ޕަސެންޓުގެ އިންޓްރެސްޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އަމީރު ވިދާޅުވީ މި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.

“އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން. މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ޕެކޭޖެއް،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަމީރު ވިދާޅުވީ ސަރުކާރުގެ އެހީގެ ޕެކޭޖުގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.