ރޭ 12އިން ފެށިގެން އޮން އެރައިވަލް ވިސާ މެދުކަނޑާލައިފި، އެއާޕޯޓުން ފެންނަނީ ފަޅުކަން!

ފްލެޓު ޝެޑިއުލް: ފޮޓޯ / ސޯޝަލް މީޑިއާ

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ރާއްޖެއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭ 12:00 އިން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފިއެވެ.

ރާއްޖެއަށް ވުރެ މާ ކުރިން އެހެން ބައެއް ގައުމުތަކުން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައެވެ. އޭގެތެރޭގައި އަވަށްޓެރި ބައެއް ގައުމުތައް ވެސް ހިމެނެއެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑެތި އަސަރުތަކެއް ކުރަމުން ގެންދާނެއެވެ. ރާއްޖެއަކީ ކޮންމެ ދުވަހެއްގައި ވެސް އެވްރެޖުކޮށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަ ގައުމެކެވެ. އެހެންނަމަވެސް ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 100 އާ 200 އާ ދެމެދުގައެވެ. އެހެންކަމުން ރާއްޖޭގައި ވައިގެ ބަނދަރުން ފެންނަމުން ދަނީ ފަޅުކަމެވެ.

އޮންއެރައިވަލް ވިސާ ދިނުން ރާއްޖޭން މެދުކަނޑާލަން ނިންމިކަން އިއުލާނުކުރެއްވީ ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ބުދަ ދުވަހު ބޭއްވެވި ޕްރެސްކޮންފަރެންސްގައެވެ. އެ މަނިކުފާނު ވިދާޅުވީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ރާއްޖެގައި އެ ބަލި ފެތުރިދާނެ ހުރިހާ ދޮރުތައް ބަންދުކުރަން ކަަމަށެވެ. އެގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މިހާރު ވެސް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުންވެސް މުހިއްމު ފިޔަވަޅުތަކެއް ރާއްޖެއިން ވަނީ ކޮވިޑް19 އާ ދެކޮޅަށް އަޅާފައެވެ. އެގޮތުން ވަކި ގޮތެއް އަންގަންދެން ރިސޯޓުތަކުން ރަށްތަކަށް ދިއުން މަނާ ކުރުމާއި މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓުތައް ބަންދު ކުރުމާއި އެއްވެ އުޅުން މަނާ ކުރުމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިއުލާން ކުރުންވެސް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.