އަންނަ ހަފުތާގައި ކާގޯ ދަތުރުތަކެއް މޯލްޑިވިއަން އިން ފަށަނީ

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

ގައުމީ އެއާލައިން މޯލްޑިވިއަންއިން އަންނަ ހަފުތާގައި ރާއްޖޭން ބޭރުގެ ގައުމުތަކުން މުދާ ގެނައުމަށްޓަކައި ދަތުރުތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފިއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެ ދަތުރުތައް ފެށުމުގެ ކުރިން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ގިނަ ވިޔަފާރިވެރިން މުދާ ގެންނަ "ކޮމަން" ސަރަހައްދުތައް ބެލުމަށްފަހު އެތަންތަނަށް އޮޕަރޭޓު ކުރުމުގެ ވިސްނަމުންދާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

މޯލްޑިވިއަން ވަނީ ކާގީ ފްރައިޓާސް އޮޕަރޭޓު ކުރާނެ ފަސް މަންޒިލެއް ބަޔާންކޮށް ޓްވީޓެއް ކޮށްފައެވެ. އެ ފަސް މަންޒިލަކީ ކޮލަމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ތައިލެންޑް އަދި ދުބާއީއެވެ. ނަމަވެސް ރިޒްވީ ވިދާޅުވީ ފަހަރުގައި އެ މަންޒިލްތައް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެ ފްލައިޓުގައި މީހުންނަށް ދަތުރު ކުރެވޭނެތޯ ސުވާލު ކޮށްފައެވެ. ނަމަވެސް މޯލްޑިވިއަން އިން ވަނީ އެ ފްލައިޓުތަކުގައި މީހުންނަށް ދަތުރު ނުކުރެވޭނެ ކަމަށާއި އެއީ ހަމައެކަނި ކާގޯ ފްލައިޓުތަކަށް ހާއްސަ ކޮށްފައިވާ ފްލައިޓުތަކެއް ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *