ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އެމެރިކާވެއްޖެ

އެމެރިކާގެ މަގެއްގެ މަތި --

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ގައުމަކަށް އެމެރިކާވެއްޖެއެވެ. އެމެރިކާ މި ލިސްޓުގެ އެންމެ ކުރިޔަށް އަރާފައި ވަނީ ކުޑަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ.

އެގޮތުން ރޭ ރާއްޖެ ގަޑިން ދޭއް ޖެހުމާއި ހަމައަށް ވެސް އެމެރިކާ އޮތީ ކޮވިޑް19 ޖެހުނު ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައެވެ. އެހެންކަމުން އެ ގައުމު ވެފައިވަނީ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އަދި އޭގެފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި އިޓަލީއަށް ވުރެވެސް ގިނައިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ފެނުން ގައުމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 13،966 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 82،177 އަށް އަރާފައެވެ.

އެމެރިކާ ނެގުމަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާތަނަށް 81،285 މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައިވާއިރު އިޓަލީން މި ބައްޔަށް ޖުމްލަ 80،589 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 150 މީހަކު ކޮވިޑް19 ޖެހިގެން އެމެރިކާއިން މަރުވެފައިވާއިރު އޭގެތެރެއިން 100 މީހަކު މަރުވެފައިވަނީ ނިއު ޔޯކުންނެވެ. މީހަތަނަށް 1،177 މީހަކު ވަނީ މި ބަލީގެ ސަބަބުން އެމެރިކާއިން މަރުވެފައެވެ. ބަލި ޖެހޭ މީހުންގެ ނިސްބަތަށް ބަލާ އެމެރިކާއިން އެ ބަލިން ރަނގަޅުވަނީ މަދު ބައެކެވެ. މިހާތަނަށް އެބަލިން ރަނގަޅުވެފައިވަނީ 1،864 މީހުންނެވެ. އަދި މިހާރުވެސް 2،122 މީހުންނަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އިއުލާން ކޮށްފައިވާ ކޮވިޑް19 ވައިރަސް 529،472 މީހުންނަށް ވަނީ ޖެހިފައެވެ. އެ ބަލީގައި މިހާތަނަށް 23،968 މީހަކު މަރުވެފައިވާއިރު މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 123،380 މީހުން ވަނީ ރަނގަޅުވެސް ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.