މާލެ ނޫން ސަރަހައްދެއްގެ ވިޔަފާރި ހިދުމަތް ދޭ ގަޑިތައް ބަދަލު ކުރާކަށް ނާންގަން: އެޗްޕީއޭ

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު: ފޮޓޯ / ރައީސް އޮފީސް

ގްރޭޓާ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ ނުވަތަ ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އަންގާފައި ނުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިފަދައިން ބުނެފައި މިވަނީ މިއަދުން ފެށިގެން އައްޑޫސިޓީގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ އިރުއޮއްސުމާއި ހަމައަށް ކަމަށް އައްޑޫސިޓީ ކައުންސިލުން އަންގާފައި ވަނީ އެ އިދާރާގެ ލަފާގެ މަތިން ނޫން ކަމަށް ބުނެފައި ވަނިކޮށެވެ. އަދި އެޗްޕީއޭ އަށް ރައްދު ދެއްވާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ސިޓީ ކައުންސިލުން އަންގާފައިވާ އެންގުމަކީ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްއާ މަޝްވަރާކޮށް، އައްޑޫ ކޮވިޑް-19 ޓާސްކްފޯސް އިން ނިންމި ނިންމުމެއް ކަމަށެވެ. އަދި އައްޑޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގަވައިދުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ސޯބެ ވިދާޅުވެފައިވެއެވެ.

ނަމަވެސް އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ ގްރޭޓާ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި މި އިދާރާއިން އަންގާފައެއް ނުވާނެ ކަމަށެވެ. އަދި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނާން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައެއްވެސް ނުވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ވަނީ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސިއްހަތާއިބެހޭ ޓާސްކްފޯސްތަކުން، އެޗްޕީއޭގެ ޓްވީޓާ އެކައުންޓުން ދެމުން ގެންދާ  އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ. 

ރަށްރަށަށް މީހުން އަރައި ފޭބުމަށް ކައުންސިލްތަކުން މަނާކުރާތީ އެފަދަ ކަންކަމަށް ކައުންސިލްތަކަށް ގޮތް ނުނިންމޭނެ ކަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް މީގެކުރިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލެނބުމަށް އެލްޖީއޭ އިން ވެސް ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.