ނުރައްކާތެރި ކޮވިޑް19 ވައިރަހާއި ގުޅިގެން އައްޑޫ ސިޓީގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާ ތަންތަން އިރު އޮއްސި 18:00އިން ފެށިގެން ބަންދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީގެ ވިޔަރާރިތަކަށް އެންގި އެންގުމުގައި އެ ކައުންސިލާއި ސަރުކާރުގެ ބަސް ތަފާތުވެއްޖެއެވެ.
އައްޑޫސިޓީ ކައުންސިލުން ބުނީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ގޮތުން، ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށް ހިދްމަތް ދޭވޭނެހެން ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އަދި މިކަމަށް އަމަލު ކުރަން ފަށާނީ މިއަދު ހަވީރު 18:00 އިން ފެށިގެން ވަކި ގޮތެއް އަނގަންދެން ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ ފިހާރަ ތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފަ ހުންނަ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް، ސިއްހީ ހިދުމަތްދޭ ކްލިނިކް ތަކާއި ބޭސްފިހާރަ ތަކުގެ ހިދްމަތްދޭ ގަޑިތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށް ދޭން ބޭނުންވާ ނަމަ އަވަށު އޮފީހުން އެކަމަށް ހުއްދަ ހޯދަންޖެހޭނެ ކަމަށާއި، ހުއްދަ ހޯދުމަށް ފަހު ހަވީރު 18:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށް ދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
ނަމަވެސް އެކަމާއި ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހެލްތު ޕްރޮފެޝަނަލުން މި ކަމުގައި ކަންކުރަން ބުނާ ގޮތަށް އަމަލުކުރުމަށް އެޗްޕީއޭ އިން ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އައްޑޫ ކައުންސިލްގެ ނިންމުމަކީ އެޗްޕީއޭއާ އެއްވެސް މަޝްވަރާއެއްކޮށް ވާހަކަ ދައްކާފައި ނިންމި ނިންމުމެއް ނޫން ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ވާހަކަތައް ދޮގުކުރައްވާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން އަންގާފައިވާ އެންގުމަކީ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްއާ މަޝްވަރާކޮށް، އައްޑޫ ކޮވިޑް-19 ޓާސްކްފޯސް އިން ނިންމި ނިންމުމެއް ކަމަށެވެ. އަދި އައްޑޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގަވައިދުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ސޯބެ ވިދާޅުވެފައިވެއެވެ.
Rayyithunge salaamathaai rahkaatheri kamahtakai Addu City Council in gavaaidhun faiyavalhu alhaane. Viyafaari kuraa thanthan haveeru 6:00 in bandhu kuran ninmee DG of health services aai mashvaraa kurumahfahu Addu COVID19 Taskforce in ninmaigen. @mabrouq @HPA_MV @AdduCityCouncil
— Abdulla Sodiq(Sobe') (@SobeAbdulla) March 26, 2020
އެހެންކަމުން މިކަމުގައި މިހާރު ވަނީ އޮޅުންތަކެއް އަރާފައެވެ. ސަބަބަކީ ސަރުކާރުން އެކަން އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވަނީ އެޗްޕީއޭގެ މަޝްވަރާއެއް ނެތި ކަމަަށް ބުނަމުންދާއިރު އެކަން އެ ސިޓީ ކައުންސިލްގެ މޭޔަރު ދޮގު ކުރައްވާތީއެވެ. ކޮންމެއަކަސް ރަށްރަށަށް މީހުން އަރައި ފޭބުމަށް ކައުންސިލްތަކުން މަނާކުރާތީ އެފަދަ ކަންކަމަށް ކައުންސިލްތަކަށް ގޮތް ނުނިންމޭނެ ކަން ލޯކަލް ގަވަމަންޓް އޮތޯރިޓީން މީގެ ކުރިން ވަނީ އަންގައިފައެވެ.