ރާއްޖެ އައީ ފްރާންސްގެ މަނަވަރެއް، އެއީ ކުރިން ރޭވިފައި އޮތް ދަތުރެއް: ސަރުކާރު

ރާއްޖެ އައި ފްރާންސްގެ މަނަވަރު--

އިއްޔެ ހެނދުނުގެ ވަގުތެއްގައި ދެ މަނަވަރެއް ވަނީ މާލެ ކައިރީގައި ބަނދަރު ކޮށްފައިވާއިރު އެ މަނަވަރަކީ ފްރާންސްގެ މަނަވަރެއް ކަމަށާއި އެ މަނަވަރު ރާއްޖެއަށް ދަތުރުކުރީ ކުރިންވެސް ރޭވިފައި އޮތް ދަތުރެއްގައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އައީ ފްރާންސްގެ އަސްކަރީ ދެ މަނަވަރު ކަމަށެވެ. އެ އުޅަނދުތައް ރާއްޖެ އައުމަށް ދަތުރުކުރާތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެ މަނަވަރުގައި އައި ހަތަރު ހެލިކޮޕްޓަރުތައް ރާއްޖޭގައި އެކި ސަރަހަދުތަކުގެ މަތިން ދަތުރުކުރި ފޮޓޯ އާއި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވިއިރު އެކަމާއި ގުޅިގެން މަބްރޫކް ވިދާޅުވީ ހެލިކޮޕްޓަރު ފަދަ އެއްޗެހި ހިފައިގެން ދަތުރުކުރާ އުޅަނދެއް ރާއްޖެ ވަދެއްޖެނަމަ، ހެލިކޮޕްޓަރުތައް ދުއްވުމުގެ ހުއްދަ އާންމުކޮށް ވެސް ދޭ ކަމަށެވެ.

އެގޮތުން އިއްޔެ ރާއްޖެ އައި ފްރާންސްގެ މަނަވަރުގައި އޮތް ހެލިކޮޕްޓަރުތަކަށް ވެސް ހުއްދަ ދީފައިވާނެ ކަމަށާއި، އެތަނުން އެއް ހެލިކޮޕްޓަރު ފަޅުރަށެއްގައި ޖައްސާފައި ވަނީ އެއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ހެލިކޮޕްޓަރަށް އެހީތެރިކަން ފޯރުކޮށްދޭން ދިޔަ އިތުރު ހެލިކޮޕަޓަރެއް ވެސް ޖައްސާފައި ވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިއީ ރާއްޖެ އާއި ފްރާންސް އާދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 51 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، އެ މަނަވަރުތަައް ރާއްޖެ އަންނަން ދަތުރު ފެށީ ރާއްޖޭގައި ބައެއް ތަމްރީނުތައް ވެސް ހެދުމަށް ކަމަށެވެ. މަނަވަރުތަކަށް ޖިބޫޓީން ފުރައިގެން ރާއްޖެ އާދެވުނީ ދަތުރު ފެށިތާ 29 ދުވަސް ފަހުން ކަމަށާއި، މިހާރު ހާލަތު ބަދަލުވެފައި ވާތީ، މަނަވަރުތައް ރާއްޖޭގައި މަޑުނުކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އިއްޔެ ރާއްޖެއަށް ކްރޫޒް ޔޮޓެއް ވެސް އައިސްފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ އެ ޔޮޓުގައި ތިބީ ދެ މީހުން ކަމަށާއި، އެމީހުންނަށް ވެސް ރާއްޖެ އާދެވިފައި ވަނީ ރާއްޖޭގެ ކަނޑުތަކަށް ވަދެވެން އޮތް މުއްދަތަށް ވުރެ ލަހުން ކަމަށެވެ. އަދި ވިދާޅުވީ ޔޮޓުން ތެޔޮ ހުސްވާން ކައިރިވެފައި ވާތީއާއި، ވައި ބަދަލުވަންދެން ހަފްތާއެއްގެ މުއްދަތަށް ރާއްޖޭގައި މަޑުކުރުމުގެ ހުއްދައަށް އެމީހުން އެދުނު ކަމަށެވެ. އެހެންކަމުން ތެޔޮ އެޅުމުގެ ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް އެއްވެސް ރަށަކަށް ފޭބުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.