ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ނިންމި ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލަން އިދިކޮޅުން ގޮވާލައިފި

ޕީޕީއެމް އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން ---

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް މީގެކުރިން ނިންމާފައިވާ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާތަކުން ސަސްޕެންޑު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް މީގެކުރިން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ކުރިން އިއުލާން ކޮށްފައިވާ ތާރީހުގައި ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި އެ އިންތިހާބު ދެން ބޭއްވޭނީ މިހާރުގެ ހާލަތުން އަރައިގެނެވިގެން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.
އިދިކޮޅުގެ ބަޔާނުގައި ބުނީ އެ އިންތިހާބުގައި ގިނަ އަދަދެއްގެ ސިވިލް ސާވިސް ވަޒީފާތަކުގައި ތިބި މުވައްޒަފުންތަކެއް ވެސް ވާދަ ކުރުމަށް ނިންމާފައިވާއިރު އެ މުވައްޒަފުން އިންތިހާބުގައި ވާދަ ކުރާތީ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އިންތިހާބު ބޭއްވޭނެ ސީދާ ދުވަހެއް ނޭނގުމުގެ ސަބަބުން އެ މުވައްޒަފުންނަށް އެތައް ދައްޗެއް ކުރިމަތިވަމުން އަންނަ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެކަމުގެ ޝަކުވާތައް އެ ކޯލިޝަނަށް ވެސް ލިބެމުން އަންކަން ފާހަގަކޮށް އިދިކޮޅުން ބުނީ އެ މުވައްޒަފުންގެ ތެރޭގައި އެކޯލިޝަނާއި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންވެސް ހިމެނޭ ކަމަށެވެ.
އިދިކޮޅުން ބުނީ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރުން މިހާރަށް އުވާލުމަށް ކަމާބެހޭ ފަރާތްތަކަށް އެ ކޯލިޝަންގެ ފަރާތުން ގޮވާލާ ކަމަށެވެ. ހަމައެއާއެކު މިހާރު ހަމަޖެހިފައިވާ ތާރީހުގައި ވޯޓު ނުނެގޭނެ ކަމަށް އިލެކްޝަންސް އިން އިއުލާނު ކުރި ތާރީހުން ފެށިގެން އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހިނގާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އިންތިހާބުތައް ބޭއްވުމާއި، އިންތިހާބުގެ ތާރީހު ކަނޑައެޅުމާއި، އިންތިހާބުތައް ހިނގަމުން ދަނީ އިންސާފުވެރިކޮށް އެކު އެއްވެސް ބިރުވެރިކަމެއް އަދި ބިރުދެއްކުމެއް ތަޅާފޮޅުމެއް އަދި ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ ގާނޫނޫ އަސާސީގެ 170 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއެކެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ފަސްޖެހެމުންދާކަން މި ކޯލިޝަނަށް ގަބޫލުކުރެވޭ ކަމަށް މި ފުރުސަތުގައި ދަންނަވަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުންދާ ކަމަށެވެ. އެގޮތުން އިންތިހާބު ފަސް ކުރުމުގެ ފުރިހަމަ ބާރު ގާނޫނުއަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. އެކަމުގައި ސުވާލު އުފެދޭ ކަމެއްވާ ނަމަ އެކަމުގެ ފަރުވާ ހޯދުމަށް އެދެން ޖެހޭ ފަރާތަކީ ރާއްޖޭގެ ކޯޓުތައް ކަމަށާއި ރައްޔިތުންގެ މަޖިލިސް ނޫން ކަމަށާއި އެތަނަކީ ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާ ތަނެއް ކަމަށް އިދިކޮޅު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އެކަމަކީ މަޖިލީހުގެ އިހުތިސޯސުގެ ތެރޭގައި އޮތް ކަމަކަށްވީ ނަމަވެސް މި ދަނޑިވަޅުގައި އެކަމަށް ފަރުވާ ހޯދަން ޖެހޭނީ ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. ގާނޫނީ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ޓަކިޖަހަން ޖެހޭ ދޮރަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވާނަމަ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގަޑުބަޑުވެ އެއްބާރުގެ ތެރެއަށް އަނެއް ބާރަށް އަރް ބޭނުމުގެ ފަލްސާފައެއް އުފެދިގެން ހިނގައިދާނެތީ އެކަމާއި މެދު ކަންބޮޑުވާ ކަމަށްވެސް އިދިކޮޅުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.