ކޮވިޑް19 އާ ގުޅިގެން ވަޒީފާތަކަށް އަސަރުކޮށްގެން 104 ޝަކުވާއެއް

ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ --

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނި ވިޔަފާރިތަކަށް އެކަމުގެ އަސަރު ކުރުމުން މުވައްޒަފުންގެ ވަޒީފާތަކަށް އެކަމުގެ އަސަރު ކޮށްގެން 104 ޝަކުވާއެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މި މަހުގެ 21ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރެވިފައި ވާނަމަ، ނުވަތަ މުސާރައާއި އެލަވަންސް ތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައި ވާނަމަ، އެ މިނިސްޓްރީ އިން ގާއިމު ކޮށްފައިވާ ޖޮބް ސެންޓަރ (/https://jobcenter.mv) ގައި ރިޕޯޓްކޮށް މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހި ފައިވާނެ ކަމަށެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުުގެ ފަރާތުން ކޮވިޑް19 އަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޖޮބްސެންޓަރަށް މިހާތަނަށް 104 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާ އިިން ވަކި ކުރުމާއި، ނޯޕޭއާ މުސާރަ އާއި އިނާޔަތްތައް މަދުކުރުން އަދި އެލަވަންސް ނުދިނުމާއި ވަކި މުއްދަތެއް ނެތްގޮތަށް ވަޒީފާ އިން ސަސްޕެންޑް ކުރުން ފަދަ ޝަކުވާތައް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މުވައްޒަފުންނަށް އިހާނެތިިކޮށް ހިތާ ފަރާތްތަކަށް ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުތަކުގައި ސަމާލުކަމެއް ނުދޭނެއެވެ. މީގެ އިތުރުން ވަކިވަކި ކޭސްތަކަށް ބަލައި ޝަކުވާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް19 އާއި ގުޅިގެން ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ރާއްޖޭގެ ފަތުރުވެރި ކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތް ތަކަށް ހީނަރުކަމެއް އައިސްފައި ވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް ފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށް ދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައި ގެން އަޅަމުންދާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކޮށްފައެވެ. މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ އެހީގެ ޕެކޭޖުގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާތައް ސަލާމަތް ކުރެވިއްޖެނަމަ ކޮންޒަމްޕްޝަން އަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް އިގްތިސޯދީ ގޮންޖެހުން ތަކުން އަރައިގަނެވޭނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ މިދަނޑިވަޅުގައި ފިޔަވަޅު އަޅާނީ އެއްވެސް ދިވެއްސަކު ބާކީ ނުވާނެހެން ކަމަށާއި އެ ޔަގީންކަން އަރުވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.