ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ 272 މިލިއަން ޑޮލަރު!

ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް: ފޮޓޯ / ސަން

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގައި މިވަގުތު ހުރީ 272 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ބުނެފިއެވެ.

އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ އެ ފަންޑާއި ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސުވާލު ކުރައްވާފައެވެ. ނަމަވެސް އެވަގުތު އެ ފަންޑުގައި ހުރި ސީދާ އަދަދެއް އެނގިވަޑައި ނުގަތުމުން ރައީސް ވަނީ މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލުގެ ޖަވާބު ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް މެދުވެރިކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު މެންދުރު ދަރުބާރުގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ މަބްރޫކް ވިދާޅުވީ މިވަގުތު ސޮވަރިން ފަންޑުގައި ހުރީ 272 މިލިއަން ޑޮލަރު ކަމަށެވެ.

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ 2017 ވަނަ އަހަރުއެވެ. މި ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ. 2022 ވަނަ އަހަރު އަންނަން ވާއިރަށް މި ފަންޑު 500 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *