ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީގައި އެއްވެ އުޅުން މަނާކޮށްފި

އައްޑޫސިޓީ/ ފޮޓޯ- އަސޯ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އައްޑޫ ސިޓީގައިވެސް މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން ބުނީ، ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންގުމާއި ގުޅިގެން، ސިއްހީ ނުރައްކަލުގެ ހާލަތު ނިމެންދެން އައްޑޫ ސިޓީ ގައިވެސް އާންމު ތަންތަނަށް އެއްވެ އުޅުން މަނާ ކުރާ ކަމަށެވެ.

އެގޮތުން އައްޑޫސިޓީގެ ހުރިހާ ޕާކްތަކާއި ފިނި މައިޒާންތަކާއި، ޕިކްނިކް ސަރަޙައްދުތަކާއި، ސްވިމިން ޓްރެކް ސަރަޙައްދުތަކާއި ފަތަންދާ ސަރަހައްދުތަކާއި، ކުޅިވަރު މައިޒާންތަކާއި، ފުޓްބޯޅަ ދަނޑުތަކާއި، ޢާންމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަޙައްދުތަކާއި، ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސްބާނާ ތަންތަނާއި، ކެމްޕޭން ޖަގަހަތަކާއި އަދި ކެފޭ ރެސްޓޯރަންޓް ތަކުން ޢިމާރާތުން ބޭރުން މަގުމަތީގައި ޚިދުމަތްދޭ ތަންތަނަށް އާންމުން އެއްވެ އުޅުން މަނާ ކުރާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މި އެންގުމާއި ހިލާފުވާ ފަރާތްތަކަށް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

Leave a Reply

Your email address will not be published.