10 މަސްދުވަހަށްވާ ވަރަށް ކާޑުގެ ބާވަތްތައް އެބަހުރި

އިންޑިއާ އިން ރާއްޖެ ގެންނަން ބަރުކޮށްފައި ހުރި މުދާތަކެއް/ ފޮޓޯ- ޓުވީޓާ

ކުރިއަށް އޮތް 10 މަސްދުވަހު ބޭނުންވާ ކާޑުގެ ބާވްތަތަކަށް އެބަހުރި ކަމަށާއި، އަދި ރައްޔިތުންނަށް ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ ތެރެއިން 10 މަސްދުވަހަށް ވާވަރަށް ހަނޑުލާއި ހަކުރު އެބަހުރިކަމަށާއި، 5 މަސްދުވަހަށް ބޭނުންވާވަރަށް ފުށްވެސް އެސްޓޯގައި މިހާރު އެބަހުރިކަމަށެވެ.

އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސް ނުވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހް މީގެ ކުރިންވެސް ވަނީ ދެއްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސް ނުވާނެކަމަށާއި، އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ. އަދި  ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ވަނީ ނިންމާފައިކަމަށާއި، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިޔާއިން ވަނީ ނިންމާފައި ކަމަށެވެ.

އޭގެ އިތުރުން ރަޙްމަތްތެރި އެހެން ގައުމުތަކުން ވެސް، ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ރަށްތަކުގައި ކާޑުގެ ބާވަތްތަކާއި، ބޭސް ހުސްވެދާނެ ކަމަށް ބުނެ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން އެސްޓީއޯއިން ބުނީ ކާޑުގެ ބާވަތްތައް ހުސްނުވާނެ ކަމަށެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އަދި އޭގެތެރެއިން ފަސް މީހަކު އެ ބަލިން ވަނީ ސަލާމަތް ވެފައެވެ. މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި ސަރުކާރުން ވަނީ 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.