ބީއެމްއެލްގެ ހުރިހާ ލޯންތައް ދެއްކުން 6 މަހަށް ފަސްކޮށްފި

ބީއެމްއެލް ހެޑް އޮފީސް/ ފޮޓޯ- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ލޯންތައް ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްފި އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ބީއެމްއެލްގެ ލޯނުތައް އަނބުރާ ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްދިނުމުގެ އިތުރުން، ލޯން އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސް ދުވަސް އިތުރުކޮށްދޭން ބީއެމްއެލްއިން ނިންމާފައިވާ ކަމަށެވެ.

"3 އަހަރަށް ދޫކޮށްފަ އޮތް ލޯނެއް ކަމަށް ވަޏްނާ އިތުރު 6 މަސް ދުވަސް ލޯނު އަނބުރާ ދެއްކުމަށް އިތުރު ކޮށްދެވޭނެ. އަދި ފުރަތަމަ 6 މަސް ދުވަހުގަ ލޯނަށް ދައްކަން ޖެހޭ ފައިސާ ދައްކާކަށް ނުޖެހޭނެ. އަދި ފުރަތަމަ 6 މަސް ދުވަސް ފަހު ލޯނަށް ފައިސާ ދައްކަން ފަށާއިރު، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ އިތުރު 6 މަސް ދުވަހަށް 20 ޕަސެންޓަށް ކުޑަކޮށްދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި، ސަރުކާރުން މިދަނޑިވަޅުގައި ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެކަމުން ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް ކަމަށެވެ. ބީއެމްއެލްގެ ހުރިހާ ލޯންތައް ދެއްކުމަށް ހަ މަސް ދުވަހަށް ފަސްކޮށް ފައިވާއިރު، ސްޓޫޑެންޓް ލޯންތައްވެސް ދެއްކުން ހަމަސް ދުވަހަށް ވަނީ ފަސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.