އިދިކޮޅާ އަޅުގަނޑާ ގުޅޭނެ، އެކަމަކު އަދުރޭގެ ދެ ކޯލެއް މިސްވެއްޖެ: ރައީސް

18ވަނަ މަޖިލީހުން ބޭއްވި މާހެފުމަކަށް ވަޑައިގެން ރައީސް ސޯލިހު (ކ) އަދި އަދުރޭ (ވ) ސަލާމް ކުރައްވަނީ -- އަދުރޭ ވަނީ މި ދަނޑިވަޅުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައި: ފޮޓޯ / ވަން

އިދިކޮޅު ފަރާތްތަކަށް އަބަދުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ގުޅޭނެ ކަމަށާއި ނަމަވެސް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދެ ކޯލަކަށް ޖަވާބު ދެވިފައި ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަދުރޭއާ އެމަނިކުފާނާއި ގުޅުން އޮންނަ ކަމަށާއި އަދުރޭ އެމަނިކުފާނަށް ގުޅުއްވާ ކަމަށެވެ. އެހެންނަމަވެސް މި ވޭތުވެދިޔަ ދެ ދުވަހު އަދުރޭ ގުޅުއްވި ނަމަވެސް އޭނާގެ ފޯނަށް ރައީސަށް ޖަވާބު ނުދެއްވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ގުޅޭ އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނާއި. ދޭތެތެރެއަކުން ގުޅަމުން ގެންދޭ. އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ބަރާ ބަރަށް ވާހަކަ ދައްކަވަމުން ގެންދޭ. އެކަމަކު މިދިޔަ ދެ ދުވަހު އަޅުގަނޑަށް އެބައޮތް 2 މިސްކޯލް. އަޅުގަނޑަށް ނުނެގިއްޖެއްޔާ ވެސް ފަހުން ގުޅަން. އެހެންކަމުން އަޅުގަނޑާއި ބަރާ ބަރަށް އެބޭފުޅުންނާއި ވާހަކަ ދެކެވޭ" ރައީސް އިބްރާހީމް މުހައްމަދް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވުމުން މިވަގުތު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމުގެ ވިސްނުން ނުގެންގުޅުއްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށާއި އަމަލުކުރައްވާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވުމުން މިދިޔަ އަހަރުގެ ޑިސެމްބަރު އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ސޯލިހާއި ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރަމުންދާތީ އެކަމާއި ގުޅިގެން ގައުމުގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ފަރާތުން އެއްބައި ވަންތަކަން އިސްކޮށް ގައުމީ ރޫހުގައި މަސައްކަތްކޮށް، ރައްޔިތުންނާއި ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެ ބަޔާނުގައި ވަނީ ގައުމުގެ ހާލަތު އިދިކޮޅު ފަރާތްތަކާއި ހިއްސާ ކޮށްދިނުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށެވެ.

1 thought on “އިދިކޮޅާ އަޅުގަނޑާ ގުޅޭނެ، އެކަމަކު އަދުރޭގެ ދެ ކޯލެއް މިސްވެއްޖެ: ރައީސް

Leave a Reply

Your email address will not be published. Required fields are marked *