އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދާތާ 14 ދުވަސް ފަހުން މުވައްޒަފުންނަށް ފުރައިގެން ދެވޭނެ

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީހުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުސަތު ދެވޭނެ ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ތެރޭ ހުރިހާ ރިސޯޓެއް ބަންދުވާނެ ކަމަށް ބެލެވޭ ކަމަށާއި މިހާތަނަށް 50 ރިސޯޓު ބަންދު ކޮށްފައިވާ ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހުން ފަށައިގެން ރިސޯޓުން އެއްވެސް މީހަކު ރަށްރަށަށް އެރުން ވަނީ މަނާ ކޮށްފައެވެ. އަދި އެ އެންގުމާއި ހިލާފުވާ ފަރާތްތަކަށް މިހާރުވެސް ވަނީ ފިޔަވަޅު އަޅާފައެވެ. މި ފިޔަވަޅަކީ ސަރުކާރުން ރާއްޖޭގައި އިތުރަށް ކޮވިޑް19 ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ. އޭގެ އިތުރުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުމާއި، ރަށްތަކުން ރިސޯޓުތަކަށް ވެސް ދިއުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 8 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ބާކީ ފަސް މީހުންނަށް ދަނީ އަދިވެސް ފަރުވާ ދެމުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.