ހައުސިންގް ލޯނުތައް ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްފި

ހިޔާ ފްލެޓް-

ހައުސިންގް ލޯނުތައް ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ނޫސްވެރިންނާއި މިއަދު ހަވީރު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެޗްޑީއެފްސީން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާ ހަ މަސްދުވަހަށް ފަސްކޮށްދީފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިވެހި ރައްޔިތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަމަސް ދުވަހަށް ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ބީއެމްއެލްގެ ލޯނުތައް އަނބުރާ ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްދިނުމުގެ އިތުރުން، ލޯން އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސް ދުވަސް އިތުރުކޮށްދޭން ބީއެމްއެލްއިން ނިންމާފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި، ސަރުކާރުން މިދަނޑިވަޅުގައި ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެކަމުން ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް ކަމަށެވެ. ބީއެމްއެލްގެ ހުރިހާ ލޯންތައް ދެއްކުމަށް ހަ މަސް ދުވަހަށް ފަސްކޮށް ފައިވާއިރު، ސްޓޫޑެންޓް ލޯންތައްވެސް ދެއްކުން ހަމަސް ދުވަހަށް ވަނީ ފަސްކޮށްފައެވެ.

"ފޮރިން ކަރަންސީ ޝޯޓޭޖެއް އެބަހުރި. މިވަގުތު ރާއްޖެއިން ވިސްނުން ހުރީ ލޯނު ނަގަން. އަޅުގަނޑުމެންގެ އެބަހުރި ކަރަންސީ ސްވޮޕް އިންޑިއާގެ ރިޒާވް ބޭންކާ އެކު. ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު އެބަހުރި. އަޅުގަނޑުމެންނަށް ދެތިން ހަތަރު މަހެއް ހިފަހައްޓާލެވޭނެ ޑޮލަރުގެ ޝޯޓޭޖެއް ނެތި. މިއީ އެހާ ދުރަށް ވިސްނައިގެން ފިޔަވަޅު އަޅަންވީ ވަގުތެއް ނޫން. އެވަގުތަކާ ހާލަތަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ދާނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިވަގުތަކީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. މިއީ ވަކި ކުލައަކަށް އޮތް ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ  ރާއްޖެ މި އޮތީ ލޮކްޑައުން އެއްގައި ކަމަށާއި މީގެ 24 ގަޑިއިރު ފަހުން މީހަކަށް ރާއްޖެ ނާދެވޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *