ސްޓޫޑެންޓު ލޯން ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިްހ/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން ސްޓޫޑެންޓު ލޯން ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާންކޮށްފި އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިހާރުވެސް ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ 4000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށާއި، އެ ލޯން ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށް ދިނުމަށް ވަނީ ނިންމާފައި ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ 4000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި. އެ ލޯން ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ވަނީ ނިންމާފައި" ރައީސް ސޯލިހް ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނަށް އެދި މިއަހަރުވެސް 1300 ދަރިވަރުން އެޕްލިކޭޝަން ހުށަހެޅި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރެއިން ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 550 ދަރިވަރުންނަ ށެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5ން ފެށިގެން ފެންވަރު 10ގެ ނިޔަލަށް، އަދި ލައިސަންސް ނުވަތަ ޕްރޮފެޝަލް ޕްރޮގްރާމް ތަކަށެވެ. މި ލޯނު ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދުމަށް، ލޯން ސްކީމަށް މިފަހަރު ހުޅުވާލާފައި ވަނީ ބޮޑެތި ހެޔޮ ބަދަލުތަކަކާއި އެކުގައެވެ. އެގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބިދިނުމުގެ ބޭނުމުގައި، އަދި ވަކިން ހާއްސަކޮށް ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިސްކަން ދިނުމަށްޓަކައި ލޯނު ދިނުމުގެ އުސޫލަށްވަނީ ވަރަށް މުހިންމު ބަދަލެއް ގެނެސްފައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ލޯނު ހޯދައިގެން ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހަރަދުން ބައެއް ކުރިން ލިބިފައިވާ ފަރާތްތަކަށްވެސް ކޯސް ފުރިހަމަ ކުރެވިފައި ނުވާނަމަ، އެފަރާތްތަކަށްވެސް ލޯނަށް ކުރިމަތިލެވޭގޮތަށް މިއަހަރުގެ ލޯނު އުޞޫލުގައި ކަނޑައަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯން އެޕްލިކޭޝަން ފުރިހަމަކުރުމަށް ސެޓްފިކެޓްތައް އެޓެސްޓްކުރަން ނުޖެހޭގޮތަށް ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވުމަކީ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ލޯން ހޯދައިގެން ކިޔެވުމަށް ދަރިވަރު އިޚްތިޔާރު ކުރާ ޤައުމަކުން ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު މިސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި، ލޯނުގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ލޯނު އުސޫލުގެ ޖަދުވަލު އެކެއްގައި ބަޔާންކޮށްފައިވާ ޤައުމުތަކުންކުރެ ޤައުމެއްގައި ބަޔާންކޮށްފައިވާ ކެޓެގަރީއިން ކިޔެވުމަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު އުސޫލުގެ ޖަދުވަލު އެކެއްގައި ބަޔާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚުތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ލޯނަށް ހޮވޭ ފަރާތްތައް އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ 20 އޭޕްރިލް ވާ ހޯމަ ދުވަހުގެ ކުރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *