އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދުކުރަން ނިންމައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓު: ފޮޓޯ / ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ބަންދުކޮށްފައި ބޭއްވުމަށް ނިންމާފައިވާ އޮތް ނިންމުން ދަމަހައްޓަން ނިންމާ އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކޮށްދިނުމަށް މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އިތުރު އެއް ހަފްތާއަށް ސްކޫލްތަކާއި، އޮފީސްތަކާއި، ކޮލެޖް އަދި ޔުނިވަސިޓީތައް ބަންދު ކުރަން ވަނީ ނިންމާފައި ކަމަށެވެ.

މީގެ އިތުރަށް ރައީސް ސޯލިހް ވިދާޅުވީ މިވަގުތަކީ މި ބަލި ރާއްޖޭގައި ނުފެތެރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ދަނީ ހަލުވިކަމާ އެކު ފެތުރެމުން ކަމަށެވެ. އަދި ދުނިޔެއިން ބަލި ކޮންޓްރޯލް ނުވަނީސް ރާއްޖެ އަށް މި ބަލި ނާންނާނެއޭ ދެންނެވޭކަށް ނެތް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމާފައި ވާއިރު، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން، 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ވަނީ މީގެކުރިން ފާސްކޮށްފައެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އަދި އޭގެތެރެއިން ފަސް މީހަކު އެ ބަލިން ވަނީ ސަލާމަތް ވެފައެވެ. މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖް ފަދަ ތަންތަން ބަންދު ކުރުމާއި، ރެސްޓޯރެންޓް ކެފޭތައް ބަންދު ކުރުމާއި، ރިސޯޓުތަކުން މީހުން ރަށްތަކަށް ދިއުން މަނާ ކުރުން ހިމެނެއެވެ. އަދި ބައެއް ގައުމުތަކުގެ ފަތުރުވެރިންވެސް ރާއްޖެ އައުން ވަނީ މަނާ ކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު، އެކަމާ ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.