ރާއްޖޭގައި އޮންއެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އޮންއެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި މަހުގެ 27 އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ވަނީ ނިންމާފައި ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް19 ކޮންޓްރޯލް ކުރުމުގެ ނަތީޖާ ރަނގަޅު ކަމަށާއި، ނަމަވެސް  މުޅި އިގްތިސާދަށް ވަރަށް ބޮޑަށް އަންނަނީ ގެއްލުންވަމުން ކަމަށެވެ. އެކަމަކު، ރާއްޖޭގެ އިގްތިސާދަށް ވުރެން މިވަގުތު އެންމެ މުހިއްމީ ރައްޔިތުންގެ ސިއްހަތު ކަމަށް ރައީސް ވިދާޅުވިއެވެ.

" މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު. މުޅި އިގްތިސާދަށް ވަރަށް ބޮޑަށް އަންނަނީ ގެއްލުންވަމުން. އެކަމަކު، މިވަގުތަކީ ރައްޔިތުންގެ ސިއްހަތު މުހިންމުވާ ވަގުތެއް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންއެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާ ލާފައިވާއިރު، އެންމެ ބޮޑަށް ކޮވިޑް19 ފެތުރޭ ގައުމްތަކުން ފަތުރުވެރިން ރާއްޖެ އައުންވަނީ މަނާ ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާ، އިޓަލީ، ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި، ޖަރުމަން، ފްރާންސް އަދި ސްޕެއިންވެސް ހިމެނެއެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އަދި އޭގެތެރެއިން ފަސް މީހަކު އެ ބަލިން ވަނީ ސަލާމަތް ވެފައެވެ. މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖް ފަދަ ތަންތަން ބަންދު ކުރުމާއި، ރެސްޓޯރެންޓް ކެފޭތައް ބަންދު ކުރުމާއި، ރިސޯޓުތަކުން މީހުން ރަށްތަކަށް ދިއުން މަނާ ކުރުން ހިމެނެއެވެ. އަދި ބައެއް ގައުމުތަކުގެ ފަތުރުވެރިންވެސް ރާއްޖެ އައުން ވަނީ މަނާ ކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު، އެކަމާ ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *