ކޮވިޑް19 އާ ގުޅޭ ބައްދަލުވުމުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނީ ރައީސް ސޯލިހު

މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކޮށްދިނުމަށް މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތް ލިބިފައިވާ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު 4:45 ދަރުބާރުގޭގަ އެވެ. މިއީ ރާއްޖޭގައި ކޮވިޑް19 ފެތުރުނު ފަހުން ރައީސް އިބްރާހީމް މުހައްމަދް ސޯލިހް ނޫސްވެރިން ނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހް ވަނީ މީގެ ކުރިންވެސް ކޮވިޑް19 އާއި ގުޅިގެން ގައުމާއި މުހާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ކޮވިޑް19 ރާއްޖެއިން ފެނުމުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި އަދި ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާ ފައި ވެއެވެ.

ރައީސް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އަންނާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ. އޭގެ އިތުރަށް ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އަދި އޭގެތެރެއިން ފަސް މީހަކު އެ ބަލިން ވަނީ ސަލާމަތް ވެފައެވެ. މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖް ފަދަ ތަންތަން ބަންދު ކުރުމާއި، ރެސްޓޯރެންޓް ކެފޭތައް ބަންދު ކުރުމާއި، ރިސޯޓުތަކުން މީހުން ރަށްތަކަށް ދިއުން މަނާ ކުރުން ހިމެނެއެވެ. އަދި ބައެއް ގައުމުތަކުގެ ފަތުރުވެރިންވެސް ރާއްޖެ އައުން ވަނީ މަނާ ކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު، އެކަމާ ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *