ކޮވިޑް19 އާ ގުޅިގެން މާލޭގެ ތިން ސަރަހައްދެއްގައި ޑްރިލްއެއް ބާއްވަނީ

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެކަމަށް އިތުރަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ޑްރިލްއެއް ބާއްވަން ހަމަޖެހިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން، މިއަދު ފަރިތަކުރުމެއް (ޑްރިލް) ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ހަރަކާތް ކުރިއަށްދަނީ މާލޭގެ ތިން ސަަރަހައްދެއްގައި ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެ ޑްރިލް ކުރިޔަށް ދާނީ މިއަދު 12:30 އިން 3:30އަށް ކަމަށާއި އަދި އެ ހަރަކާތް ކުރިއަށް ދާއިރު އެ ހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. 

މީގެކުރިންވެސް މިފަދަ ޑްރިލްއެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް އޭރު ރާއްޖެއިން ކޮވިޑް19 ފެނިފައެއް ނުވެއެވެ. ނަމަވެސް މިއަދު މާލޭގައި ޑްރިލް ބާއްވާއިރު ޖުމްލަ 13 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެސް ވެފައެވެ.

ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުމާއި މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން ގެންދިއުމާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ކަރަންޓީން ކުރުން ހިމެނެއެވެ.

މީގެއިތުރުން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުން މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމާއި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ވަގުތީ ގޮތުން ބަންދު ކޮށްފައިވާއިރު ހަފްތާއެއްގެ މުއްދަތަށް ސަރުކާރު ބަންދު ކޮށްފައިވާއިރު 30 ދުވަހުގެ ނިޔަލަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *