ސަރުކާރުގެ އެހީގައި ޕާކިސްތާނުގައި މެޑިސިން ކިޔަވާ ހަ ދަރިވަރަކު ރާއްޖެ ގެންނަނީ

ޕަކިސްތާނުން ކޮވިޑް19 ފެނިފައި/ ފޮޓޯ- ގޫގުލް

ސަރުކާރުގެ އެހީގައި ޕާކިސްތާނުގައި މެޑިސިން ކިޔަވާ ހަ ދަރިވަރަކު ރާއްޖެ އައުމަށް ރޭ ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓްރީގެ އެހީތެރި ކަމާއެކު އެ ހަ ދަރިވަރުން ރޭ ފުރާފައިވާ ކަމަށާއި، އަދި އެކުދިން މިރޭ ރާއްޖެ އަންނާނެ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ ކޮރޯނާގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވާފައެވެ.

މި ފޯނު ކޯލުގައި ބޮޑަށް ވާހަކަ ދެކެވިފައި ވަނީ މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެންނެވެ. އެގޮތުން ދެބޭފުޅުން ވެސް ވަނީ މިކަމާއި ގުޅިގެން މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުގައިވެސް ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯކްކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރައްވާފައެވެ.

އަދި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ޚާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާ ކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު ޝާހިދު އެރުވިއެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ނޭޕާލުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކޮށްފަ އެވެ. އެގޮތުން އެގައުމުގައި ތިބި 33 ޑޮކްޓަރަކު ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައިވާއިރު އަމިއްލަ ހަރަދުގައި 10 ޑޮކްޓަރަކު ވަނީ ރާއްޖެ އައިސްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.