މެލޭޝިޔާއިން ލޮކްޑައުންގެ މުއްދަތު 2 ހަފްތާއަށް އިތުރުކޮށްފި

މެލޭޝިއާ/ ފޮޓޯ- ގޫގުލް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މެލޭޝިޔާއިން ލޮކްޑައުންގެ މުއްދަތު 2 ހަފްތާއަށް އިތުރުކޮށްފި އެވެ.

ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރުމަށް އިއުލާން ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ލޮކްޑައުން ކޮށްފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ. ނަމަވެސް މިހާރު މެލޭޝިޔާއިން ވަނީ އިތުރު 2 ހަފްތާގެ މުއްދަތަށް ލޮކްޑައުން އިތުރު ކުރުމަށް ނިންމާފައެވެ. އެގޮތުން އެ މުއްދަތު ދެން ހަމަވާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.

މިކަމާއި ގުޅިގެން މިއަދު މެލޭޝިޔާގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައި ވަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިއީ މިހާރަށް އަޅަން ޖެހޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް މުހުޔިއްދީން ވިދާޅުވިއެވެ.

" ލޮކްޑައުން އިތުރު ކުރީ މެލޭޝިއާގެ ރައްޔިތުންގެ ރަނގަޅަކަށް. އަދި ސަރުކާރުން މި ނިންމަވާ ނިންމެވުން ތަކަށް ބޯލަނބައި އެކަމަށް އަމަލު ކުރުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެއް" މުހުޔިއްދީން ވިދާޅުވިއެވެ.

މީގެ އިތުރުން މުހުޔިއްދީން ވިދާޅުވީ ކަބޯތަކެތި ބޭނުންވާ ވަރަށް މެލޭޝިއާގައި އެބަހުރި ކަމަށާއި، ބޭނުން ނެތް ގޮތުގައި އެތަކެތި ނުގަތުމަށް އިލްތިމާސްކޮށް ފައެވެ.

ކޮވިޑް19 މެލޭޝިއާގައި ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުންވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އާންމުން ގެއިން ބޭރަށް ނިކުތުމަށް އަންގާފައިވަނީ ހަމައެކަނި ގެއަށް ބޭނުންވާ ކާބޯތަކެތި ގަނުމަށާއި، އިމްޖެންސީ ހާލަތެއްގައި ނޫން ގޮތަކަށް ބޭރަށް ނުދިއުމަށާއި، އަދި ސިއްހީ ހިދުމަތްތައް ހޯދުމަށެވެ. މެލޭޝިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެގައުމަށް ފްލައިޓްތައް ޖެއްސުންވެސް ވަނީ މަނާކޮށްފައެވެ.

މިހާތަނަށް މެލޭޝީޔާގައި ކޮވިޑް19 އަށް 1624 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް 16 މީހަކު ވަނީ މަރުވެފައެވެ. މިއީ ސައުތް އޭޝިއާއިން މިހާތަނަށް އެންމެ ގިނައިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުން ފެނުނު ގައުމެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.