ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައި ދިނުން މުހިއްމު: ޝާހިދް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައި ދިނުން މުހިއްމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ ގެމްބިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ހިޒް އެކްސެލެންސީ ޑރ. މަމަޑޫ ޓަންގާރާ އަށް ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާފައެވެ.

‎އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައި ދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްޙުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓަރ ޝާހިދު އަލިއަޅުވާލެއްވި އެވެ.

އަދި މި މައްސަލައަކީ މުހިއްމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށާއި، މިމައްސަލައިގައި ގެމްބިއާ އާއެކު ދިވެހިރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން މިނިސްޓަ ޝާހިދު އެރުވިއެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން ތަދައްޚުލުވީ އެމަސައްކަތުގައި އިތުރަށް އަމަލީގޮތުން ބައިވެރިވުމުގެ މަޤްސަދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯ.އައި.ސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.