ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގަައިވެސް ކޮވިޑް19 ފެތުރޭތީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައިވާ އިރު އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައް ދޭ ކުންފުނިތަކުން ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މްނެބަރު މީކާއީލް އަހްމަދު ނަސީމް އެދިވަޑައިގެންފި އެވެ.
މިކަމާއި ގުޅިގެން މެންބަރު މީކާއީލް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޓެލެކޮމް އޮތޯރިޓީގެ އިސް ވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށް އެދިވަޑައިގެންފައެވެ.
ސަބަބަކަށް މީކާއިލްް ވިދާޅުވީ އެ އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަކަށް ވީއިރު، އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މި ހާލަތުގައި މަސައްކަތް ނުކުރާތީ ކަމަށެވެ.
މީގެ އިތުރުން އިންޓަނެޓުގެ ހިދުމަތަކީ މިވަގުތު ކޮންމެހެންވެސް ބޭނުންވާ ހިދުމަތަކަށް ވެފައިވީ ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ދެމުން ނުދާ ކަމަށް ވެސް މީކާއިލްގެ ސިޓީގައިވެއެވެ.
ކޮވިޑް19 ކޮންޓްރޯލް ކުރުމަށްޓަކައި އާންމުން ގެއިން ބޭރުގައި އުޅުން މަދުކުުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އެގޮތުން ސަރުކާރުންވަޏީ އޮފީސްތަކާއި، ސްކޫލްތަކާއި، ކެފޭ ރެސްޓޯރަންޓު ތަކާއި، ޖަމާއަތުގައި ނަމާދު ކުރުމާއި މިފަދަ އެކި ކަންކަން މިވަގުތަށް މެދުކަނޑާލާފައެވެ.