ޔޫއޭއީގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު

ޔުނައިޓެޑް އަރަބް އެމިރޭޓްސް --

ޔުނިއިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނިއްޖެއެެވެ.

ޔޫއޭއީ އިން ވަނީ ޖުމްލަ 248އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 50 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. "ޚަލީޖާ ޓައިމްސް" އިން ބުނީ ޔޫއޭއީ އިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިރާއްޖެއަށް ނިސްބަތްވާ މީހަކުވާ ކަމަށެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ މީގެކުރިން އެ ގައުމުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި "ކްލޯޒް ކޮންޓެކްޓު" ވެފައިވާ ބައެއް ކަމަށެވެ. އޭގެތެރެއިން ބައެއް އެހެން މީހުންނަކީ ބޭރު ގައުމުތަކުން އެގައުމަށް އައިސްފައި ތިބި މީހުން ކަމަށެވެ.

އަލަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ސްރީލަންކާއާ އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާއާ ޔަމަނާއި ސައުތު އެފްރިކާއާ ބެލްޖިއަމްއާ ޓިއުނީޝިއާ ސައުތު ކޮރެއާ ބަލްގޭރިއާގެ ފްރާންސް ހިމެނޭ ކަމަށެވެ. މީގެއިތުރުން ޗެކް ރިޕަބްލިކާއި އޮސްޓްްރޭލިއާއާ ލުބްނާނާއި ކެންޔާއާ ދިވެހިރާއްޖެއާ ސޫދާނާއި އީރާނާއި އަޔަލޭންޑާއި މޮރޮކޯއާ ޕާކިސްތާނާއި އަދި ސްވިޑެންއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ. މީގެން ކޮންމެ ގައުމަކުން އެކަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ނެރެފައިވާ ބަޔާނުގައި ބުނީ އިޓަލީއާ މިސްރާއި ޔޫއޭއީއާ ސްޕެއިނާއި ނެދަލޭންޑާއި ޖޯޑަން ހިމެނޭހެން ކޮންމެ ގައުމަކުން ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެއިތުރުން އެމެރިކާއާ ބަންގްލަދޭޝްއާ ފަލަސްތީނު ހިމެނޭހެން އެއިން ކޮންމެ ގައުމަކުން ތިން މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އިންޑިއާއަށް ނިސްބަތްވާ ހަ މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ބުނީ އެ ހުރިހާ އެންމެންގެ ހާލަތުވެސް މިވަގުތު ރަނގަޅު ކަމަށާއި އިތުރު ފަރުވާ އެ މީހުންނަށް ދެމުން އަންނަ ކަމަށެވެ. މިހާތަނަށް ޔޫއޭއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނަށް ނިސްބަތްވާ ތިން މީހަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ އެކެކެވެ. މިއާއެކު އެގައުމުން ކޮވިޑް19 ޖެހި ރަނގަޅުވެފައިވާ މީހުންގެ އަދަދު 45 އަކަށް ވަނީ އަރާފައެވެ.

މިއީ ރާއްޖޭގެ މީހަކަށް ކޮވިޑް19 ޖެހުނު ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ދަނީ އެކަން ގާތުން ބަލަމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.