ރާއްޖޭގެ ބޯޑަރު ބަންދު ކުރާކަށް ނުނިންމާ: މަބްރޫކް

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަބްރޫކް އަޒީޒް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ރާއްޖޭގެ ބޯޑަރު ބަންދު ކުރާކަށް ނުނިންމާ ކަމަށް ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ އެއްވެސް ނިންމުމެއް ސަރުކާރުން މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި އެތައް ބައިވަރު ދިވެހިންނެއް ގައުމަށް އަންނަން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން ނިންމާފައިނުވާ ނިންމުމެއް ޔަގީން ކުރުމެއް ނެތި މީޑިއާތަކުން ރިޕޯޓް ކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ.

"އަދި އެ ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް މިދަނީ އެޅުނު އެންމެ ރަނގަޅަކަށް އަޅަމުން، މިކަމުގައި ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ނެތް،" މަބުރޫކު ވިދާޅުވިއެވެ.

މަބްރޫކް މިފަދައިން ވިދާޅުވިއިރު އިދިކޮޅަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ގޮވާލާފައެވެ. މީގެއިތުރުން ބޯޑަރު ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާ ލަފާ ދެއްވާފައިވާ އެ ލަފާގެ މަތިން ސަރުކާރުން ބޯޑަރު ބަންދު ކުރުމަށް ވިސްނަމުންދާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި މިރޭ ވަނީ ރިޕޯޓު ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.